ކޮވިޑް19 އަަށް އިތުރު 11 މީހުން ޕޮޒިޓިވްވެ، 69 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޕޮޒިޓިވް ވެފައިވަނީ 8 ދިވެހިންނާއި ބަންގްލަދޭޝް ތިން މީހަކު ކަމަށެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 1883 އަށް އަރާފައެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 717 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 7 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ ކުޑަ ކުއްޖަކީ 11 ދުވަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އަދި އެންމެ އުމުރުން ދުވަސްވީ މީހަކީ 92 އަހަރުގެ އަންހެނެކެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ނިންމާފައެވެ. ކުރިއަށް އޮތްތާވެސް ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ތަކެއް ދިނުމަށް ނިންމާފައިވީ ނަމަވެސް ލޮކްޑައުންގެ މުއްދަތު ވަނީ ދަންމާފައެވެ.