މާދަމާ ރޭ 12:15 ގައި ކޭތަނަމާދު ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.

އިސްލާިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، ހުކުރު ދުވަހުގެ ރޭ ގަޑިން 10:45 އިން ފެށިގެން ފަނޑު ހިޔަނީގެ ހަނދުކޭތައެއް ހިފާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ 10:45 ގައި ހިފާ ހަނދުކޭތަ ހިފާފައި ހުންނާނީ ހޮނިހިރު ވިލޭރޭ މެންދަމު 12:24 ގައި ކަމަށާއި ހަނދުކޭތަ ވީއްލާނީ އެރޭ މެންދަމު 2:04 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މީ ފަނޑު ހިޔަނީގެ ކޭތައަކަށް ވުމުން ކޭތަފާޅު ވާނީ ވަރަށް ކުޑަކޮށް ކަމަށެވެ.

މި ހަނދުކޭތައާ ގުޅިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި މެންދަމު 12:15 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެހެން ކަމުން އެ މިނިސްޓްރީން ވަނީ މިކަން އިންތިޒާމުކޮށް ހަމަޖެއްސުމަށް ހުރިހާ ކައުންސިލަކަށް އަންގާފައެވެ.

އެ މިނިސްޓްރީން ބުނީ، ކޭތަ ނަމާދުގެ ހުތުބާ އެ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވާއިރު، މިސްކިތްތަކުގައި ޖަމާއަތް ހެދުމުގެ ހުއްދަ މިހާތަނަށް ދޫކޮށްފައި ވަނީ މޮނިޓަރިންގެ ހާލަތުގައި ނެތް އަދި މޮނިޓަރިންގެ ހާލަތުން އުވާލިތާ 14 ދުވަސް ވެފައިވާ ރަށްތަކަށް އެކަންޏެވެ.