ފަތިހު ބޭރަށް ނިކުތުމަށް އުމުރުން ދޮށީ 944 ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
އުމުރުން ދުވަސްވީ ފަރާތްތަކަށް ހިނގާލަން ބޭރަށް ނިކުތުމުގެ ހުއްދަ ދޫކުރަން ނިންމާފައި ވަނީ ފަތިހު 5:00 އިން ހެނދުނު 8:00 އާ ދެމެދުއެވެ. މި ގޮތަށް ހަމަޖެއްސީ މިދިޔަ ހުކުރު ދުވަހުން ފެށިގެންނެވެ.
ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް، މިދިޔަ ހުކުރުން ދުވަހުން ފެށިގެން ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ދިން ލުއިތަކުގެ ތެރޭގައި އުމުރުން ދުވަސްވީ ފަރާތްތަކަށް ފަތިހު ބޭރަށް ނިކުމުގެ ހުއްދައާއި، ހަފްތާއަކު 2 ފަހަރު ގޭބިސީއަކުން 3 މީހުންނަށް ޕޮލިސް ޕާމިޓާއެކު 2 ގަޑިއިރަށް ބޭރަށް ނިކުމެގެން އުޅުމުގެ ހުއްދަ ވަނީ ދީފައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ވެސް ދެވަނަ ފިޔަވަހީގައި ބޭރަށް ނިކުމެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެވަނަ ފިޔަވަހީގައި ކުޑަކުދިންނަށް ހެނދުނު 5:00 އިން 8:00 އާ ދެމެދު ޕޮލިސް ޕާމިޓާއެކު ބޭރަށް ދެވޭނެ ކަމަށެވެ.
ލޮކްޑައުންގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ލޮކްޑައުނަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ އިރު ޖޫން 13އާ ހަމައަށް އެއީ ފުރަތަމަ ފިޔަވަހީގެ ގޮތުގައި ގުނާ ދުވަސްތައް ކަމަށް ވަނީ ނިންމާފައެވެ.
ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ތެރެއިން އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުމާއި އަދި ވިޔަފާރިކުރުމަށް ދެވޭ ޖާގަ ދިނުމަށާއި ހާއްސަކޮށް މާލެ ސަރަހައްދުގައި ދަތުރުފަތުރުކުރުމަށް ދެވޭނެ ލުއި ދިނުމަށާއި އަދި ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް އޮތް ޖާގައިގެ މައްޗަށް ހެލްތް މިނިސްޓާރު ވަނީ ވިދާޅުވެފައެވެ.