ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރުން އަނެއްކާވެސް ފުލުހުންނާ ހަވާލުކޮށްފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް، މަރިޔަމް ވިސާމް ވިދާޅުވީ، އަލަށް ވިޔަފާރި ކުރުމުގެ ހުއްދަ ހޯދަން ބޭނުންވާ ފަރާތްތަކުން މާދަމައިން ފެށިގެން އެދެން ވާނީ ޕޮލިސް ޕޯޓަލްގައި ކަމަށެވެ.
ވިސާމް ވިދާޅުވީ މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީގައި ހުއްދައަށް އެދިފައިވާ ފަރާތްތަކަށް ޕޮލިސް ޕޯޓަލްގައި ހުއްދައަށް ނޭދުނަސް، އެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.
ވިސާމް ވިދާޅުވީ، ހިދުމަތްދޭ ގޮތަށް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން މީގެ ކުރިން ހުއްދައަށް އެދި ހުށަހަޅަން ޖެހެނީ މާލެ ސިޓީ ކައުންސިލަށް ކަމަށާއި، ނަމަވެސް މިހާރު އެ ހުއްދަވެސް ދޫކުރާނީ ފުލުހުން ކަމަށެވެ. ވިސާމް ވިދާޅުވީ، މީގެ ތެރޭގައި ޑެލިވަރީ ކޮށްގެން ހިދުމަތްދޭ ފަރާތްތަކާއި، ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތްދޭ ފަރާތްތައް ހިމެނޭ ކަމަށެވެ.
ކަސްޓަމަރުންނަށް ހިދުމަތްދޭ ތަންތަނުގެ ތެރޭގައި ފިހާރަ، ސުޕަމާކެޓް، ބޭސްފިހާރަ، ހާޑްވެއާ ފިހާރަތައް، ދިވެހި ބޭސް ވިއްކާ ތަންތަން، ތުއްތު ކުދިންނަށް ބޭނުންވާ ސާމާނު ވިއްކާ ތަންތަން، ބޭކެރީތަކާއި ބުކްޝޮޕްތަކުގެ އިތުރުން ކަންމަތީ ފިހާރަތައް ވެސް ހިމެނޭ ކަމަށް ވިސާމް ވިދާޅުވިއެވެ.
ވިސާމް ވިދާޅުވީ އިލެކްޓްރޯނިކް ޒަރިއްޔާއިން ޑެލިވަރީ ކޮށްގެން ހިދުމަތްދޭ ތަންތަނުގެ ތެރެގައި ހިމެނެނީ، ސައި ހޮޓާ، ކެފޭ، ރެސްޓޯރެންޓް، ކެފެޓީރިއާ، މޯބައިލް ފޯނާއި ކޮމްޕިއުޓާ އަދި ގޭބިސީތަކަށް ބޭނުންވާ އެހެން ބާވަތްތަކުގެ ކަރަންޓު ސާމާނު ފޯރުކޮށްދޭ ތަންތަން، ފޮތި، އަންނައުނު، ކުޅިވަރު ސާމާނު ވިއްކާ ތަންތަނުގެ އިތުރުން ދިވެހި އުފެއްދުންތައް ވިއްކާ ތަންތަނާއި ފަހާ ތަންތަން ކަމަށެވެ.
އަދި މިފަދަ ހުއްދަތަކަށް މީގެ ކުރިން އެދި، ހުއްދަ ނުލިބި ތިބި ފަރާތްތަކުން ވެސް އެ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ވިސާމް ވަނީ އިރުޝާދު ދެއްވާފައެވެ.
ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރަނީ އޮފީހެއްގައި 10 މުވައްޒަފުން ތިބޭ ނަމަ 2 މުވައްޒަފުންނަށް، އަދި 10-30 މުވައްޒަފުން ތިބޭ ނަމަ 5 މުވައްޒަފުންނަށް ކަމަށް ވިސާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 30 އަށް ވުރެ ގިނަ މުވައްޒަފުން ތިބޭ ނަމަ 20 ޕަސެންޓް މުވައްޒަފުންނަށް ހުއްދަ ދޫކުރުމަށް ނިންމާފައިވާއިރު، މަސައްކަތުގެ ބާވަތަށް ބަލާ ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަ މުވައްޒަފުންނަށް ވެސް ހުއްދަ ދޫކުރާނެ ކަމަށެވެ.