ކ. ގުޅިފަޅުގައި ހަދާ ޕޯޓުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ލިބެމުންދާ މައްސަލާގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ތެދުވެއްޖެއެވެ.
އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ގުޅީފަޅު ޕްރޮޖެކްޓަކީ ތިމާވެށީގެ ގެއްލުން އިންތިހާޔަށް ބޮޑު، ގުދުރަތީ ރީތިކަމުން ހޯދާ އިގުތިސާދީ އަދި އިޖުތިމާއީ ނަފާ ހީނަރު ކުރުވާނެ ކަމެއް ކަމަށެވެ. އަދި އެ ޕްރޮޖެކްޓަކީ ލާމަރުކަޒީ ނިޒާމާ ދިމާ "އިދިކީލި" އަދި މިދަނޑިވަޅު މާލީގޮތުން ދެކޮޅު ނުޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
" އެހެނަސް ހިއްކާ ބައިގަނޑާ ގުޅިފައިވާ ކުންފުނިތަކަށް ފައިދާވާނެ ޕްރޮޖެކްޓެއް،" އަލީ ހުސައިންގެ ޓްވީޓުގައި ވިދާޅުވިއެވެ.
ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު އިން ތިމާވެއްޓަށް ކުރާނެ ނޭދެވޭނެ އަސަރުތަކާ ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޖަމިއްޔާއެއްކަމަށްވާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލާގައި ކަމާ ގުޅުންހުރި އިދާރާތައް ރައްޔިރުންގެ މަޖިލީހުގެ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.
މި މައްސަލަ ދިރާސާ ކުރުމުގެ ގޮތުން ކަމާ ބެހޭ ފަރާތްތައް ހާޒިރު ކުރުމަށް ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 10:00 ގައެވެ. އެގޮތުން، މިނިސްޓާ އޮފް އެންވާރަމަންޓާއި މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާއާއި އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިންގެ އިތުރުން މަޝްރޫއުގެ އީއައިއޭ ކޮންސަލްޓަންޓުން ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ފާސްކޮށްފައެވެ.
އެންމެ ފުރަތަމަ ގުޅީފަޅު ހިއްކާފައިވަނީ 10 ހެކްޓަރަށް 2010 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައިވެއެވެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ.