ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރުވި އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑްގެ ހަށިގަނޑު، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައި ވާކަމަށް މިއަދު އާންމުކުރި އޮޓޮޕްސީ ރިޕޯޓެއް ބުނެފިއެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވަމުންދާ މިދަނޑިވަޅުގައި އާންމުކޮށްފައިވާ އާ އޮޓޮޕްސީ ރިޕޯޓްގައި ބުނެފައިވަނީ މަރުވެފައިވާ ފްލޮއިޑްގެ ނޭފަތުން ނެގި ސާމްޕަލް، ކޮވިޑް-19 ޖައްސާ، 2019-އެންކޯވް އާރްއެންއޭ އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. 2019-އެންކޯވް އާރްއެންއޭއަކީ ކޮވިޑް-19 ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް -2 (ސާސްކޯވް-2)އަށް ބޭނުންކުރާ އެހެން ނަމެކެވެ.

އޮޓޮޕްސީގެ ބޭނުމަށްޓަކައި ހެދި ޕީސީއާރް ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުން ފްލޮއިޑް، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު މި ބާވަތުގެ ޓެސްޓުތަކަކީ ބަލި ޖެހޭތާ ހަފުތާތަކެއް ފަހުންވެސް ހަށިގަނޑުގައި ބަލިހުރިކަން އަންގައިދޭނެ ޓެސްޓެއް ކަމަށް ޗީފް މެޑިކަލް އެގްޒެމިނާ ޑރ އެންޑްރޫ ބޭކާ ވަނީ ހާމަކުރައްވާފައެވެ.

ޖޯޖް ފްލޮއިޑް ހައްޔަރުކޮށްފައިވާއިރު 3 ފުލުހަކު އޭނާގެ ގައިމަތީގައި ކުޑަކަކޫ ޖަހައިގެން/ފޮޓޯ: ސީއެންއެން ސްކްރީންގްރޭބް

އެހެންކަމުން ފްލޮއިޑްއަކީ ކޮވިޑް-19ގެ އެސިމްޓޮމެޓިކް (ބޭރުފުށުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ) ޕޭޝަންޓްއެއްކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ޑރ ބޭކާ ވަނީ ވިދާލުވެފައެވެ. ނަމަވެސް އޭނާ މަރުވީ މި ބަލީގައި ކަމަށް ބުނެވެން ނެތް ކަމަށާ، ފްލޮއިޑްގެ ސަބަބުން އިތުރު ބަޔަކަށް ވައިރަސް ފެތުރިފައިވާނެ ކަމަށްވެސް ގަބޫލު ނުކުރެވޭ ކަމަށް ޑރ ބޭކާ ވަނީ ވިދާޅުވެފައެވެ.

ޖޯޖް ފްލޮއިޑްއަކީ އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ، އުމުރުން 46 އަހަރުގެ މީހެކެވެ. މިނިއާޕޮލިސްގެ ފުލުހުން ފްލޮއިޑްއާއި އެންމެ ފުރަތަމަ ކުރިމަތިލީ ފިހާރައަކަށް ވަގު ނޫޓެއް ވިއްކާލަން އުޅުނު މައްސަލާގައެވެ. ކުޑަކަކޫ މައްޗަށް، އޭނާގެ ކަރަށް ވާގޮތަށް ފުލުހަކު އަރައިގެން 9 ވަރަކަށް މިނެޓް ހުންނަ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އޭރުވެސް އޭނާ ދިޔައީ މަރުވަނީ ކަމަށް ބުނެ، ރޮއި އާދޭސް ކުރަމުންނެވެ. ފްލޮއިޑްގެ ކަރުމައްޗަށް ކުޑަކަކޫ ތިރިކޮށްލައިގެން ހުރި ފުލުސް މީހާ އެތަނުން ތެދުވިއިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ.