ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި އަމަލީ ގޮތުން އިސްދައުރެއް އަދާކުރަމުންދާ ނަރުހުންގެ ތެރެއިން މި ބަލީގެ ޝިކާރައަކަށްވެ މަރުވި ނަރުހުންގެ އަދަދު 600 އަށްވުރެ މައްޗަށް އަރާފައިވާކަމަށް، ބައިނަލްއަގުވާމީ ނަރުހުންގެ ކައުންސުލް (އައި.ސީ.އެން)އިން ހާމަކޮށްފިއެވެ.

އައި.ސީ.އެންއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރަމުންދާ 230000 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

އައި.ސީ.އެންއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 130 އަށްވުރެ ގިނަ ނަރުހުންގެ ޖަމިއްޔާއިން 20 މިލިއަނަނަށްވުރެ ގިނަ މެމްބަރުން ތަމްސީލުކޮށްދޭ ކައުންސިލްއެކެވެ. މި ޖަމިއްޔާއިން ދަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ޝިކާރައަކަށްވާ ސިއްހީ ހިދުމަތްތެރިންގެ ސައްހަ މައުލޫމާތު ހޯދޭ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތްކަމުގެ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ. އައި.ސީ.އެންގެ ތަރުޖަމާނަކު ވަނީ، މިފަދަ ހަރުދަނާ ނިޒާމެއް ނެތުމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންގެ މެދުގައި ބަލިމަޑުކަން ފެތުރިފައިވާ ގޮތުގެ ފުރިހަމަ މަންޒަރެއް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ކުރަމުންދާ ދިވެހި ނަރުހުންގެ ތެރެއިން

އައި.ސީ.އެންގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހަވަޑް ކެޓޮން ވިދާޅުވީ، އެކަށީގެންވާ ސައްހަ މައުލުމާތާ ނުލާ، ކޮވިޑް-19ގެ ހަގީގީ އަގު ނޭނގޭނ ކަމަށެވެ. މިކަން ވެގެންދާނީ ކުރިއަށް އޮތް ތަނުގައި ކުރިމަތިލާންޖެހިދާނެ މިފަދަ ބަލިމަޑުކަމަށް އެކަށީގެންވާ ގޮތެއްގައި އިޖާބަ ދިނުމުން މަހްރޫމު ކޮށްލަނިވި ކަމަކަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އައި.ސީ.އެންގެ ރިޕޯޓް އެކުލަވާލާފައިވަނީ ގައުމީ ފެންވަރުގައި އޮޕަރޭޓް ކުރަމުންދާ ނަރުހުންގެ ޖަމިއްޔާތަކާ، ރަސްމީ ތަފާސް ހިސާބުތަކާ، މީޑިއާ ރިޕޯޓްތަކުން އާންމުކޮށްފައިވާ މައުލޫމާތާ ތަފާސް ހިސާބުތަކަށް ރިއާޔަތްކޮށްގެންނެވެ.