ރިސޯޓްތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް ސީދާ ރިސޯޓަށް ދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މޮނިޓަރުންގެ ހާލަތުގައި ނެތް ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައުވާ ރަށްރަށުން ރިސޯޓްތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަފުންނަށް އެ ރިސޯޓްތަކަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އެޗްޕީއޭން ނިންމާފައިވާ ކަމަށެވެ.

ޓުއަރިޒަމްގެ ބަޔާނުގައި ބުނީ މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަނުވާ ރަށްރަށުން ރިސޯޓްތަކަށް ވަޒީފާއަށް ދާން ބޭނުންވާ މުވައްޒަަފުންނަށް އެ ރިސޯޓެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވުމަށްފަހު ވަޒީފާއަށް ނުކުތުން އެންމެ ރަނގަޅުކަމަށް ވެސް އެޗްޕީއޭން ނިންމާފައިވާ ކަމަށެވެ.

އެޗްޕީއޭން ވަނީ މިގޮތަށް ރަށްރަށުން ރިސޯޓްތަކަށްދާ މުވައްޒަފުންގެ މައުލޫމާތު ޓުއަރިޒަމް މިނިސްޓްރީން އެ އެޖެންސީއަށް އެންގުމަށް އެދިފައެވެ. އެހެންކަމުން ޓުއަރިޒަމް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ހޮޓްލައިން ނަންމަބަރު 7223131 އަށް ނުވަތަ އީމެއިލް އަށް މިފަދައިން ރިސޯޓްތަކަށް ދާން ބޭނުންވާ މުވައްޒަފުންގެ މައުލޫމާތު ފޮނުވުމަށް އެދިފައެވެ.

ރިސޯޓް މުވައްޒަފުން އަނބުރާ ރިސޯޓަށް ގެންދިއުމަށް ނިންމާފައިވާއިރު، އަންނަ ޖުލައި މަހު ފަތުރުވެރިން އައުމަށް ރާއްޖެ ހުޅުވާލުމަށް ވަނީ ނިންމާފައެވެ. އަދި މިފަދައިން އަންނަ ފަތުރުވެރިން އަތިން އިތުރު ފީއެއް ނުނެގުމަށް ވެސް ޓުއަރިޒަމް މިިސްޓްރީން ވަނީ ނިންމާފައެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައިވާ މި ދަނޑިވަޅުގައި ރިސޯޓް މުވައްޒަފުން އަނބުރާ ރިސޯޓަށް ދާއިރު، މަސައްކަތުގެ މާހައުލަށް ހޭނިފައި ބޭތިއްބުމުގެ ގޮތުން ބައެއް ރިސޯޓްތަކުން ދަނީ ވާޗުއަލްކޮށް "ބެކް ޓޮ ވޯކް" ޓްރެއިނިންތައް ވެސް ހައްދަމުންނެވެ.