ރުގުޔާ ކުރުމުގެ ނަމުގައި މީހުންނަށް ގޯނާ ކުރާ މީހެއްގެ ޝިކާރައަށްވި މީހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ރުގުޔާ ކުރުމުގެ ނަމުގައި ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުހައްމަދު ނަސްރުﷲ (55އ) އަކީ ރުގުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުން ދެމުންދިޔަ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ. އަދި އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހެޅި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މުހައްމަދު ނަސްރުﷲގެ ފުށުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާގެ ފުށުން އެފަދަ އަމަލެއްގެ ޝިކާއަކަށް ވެފައިވާ ފަރާތެއް ވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.