އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޒް އަބްދުﷲ ރާބިއު މިއަދު އައްޔަން ކޮށްފިއެވެ.
އެ މަގާމަށް ރާބިއު އައްޔަނު ކޮށްފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމެވެ. ރާބިއު ހަމަޖެއްސުމާ ގުޅިގެން ޝަމީމް ވިދާޅުވީ ރާބިއު އަކީ މަސައްކަތް ކުރުމުގައި މަޑުމައިތިރި ބޭފުޅެއް ކަމަށެވެ.
ރާބިއު މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުގައެވެ. ރާބިއު، ގާނޫނީ ދާއިރާއިން ހިދުމަތް ކޮށްދެއްވަން ފެއްޓެވީ 2009 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 18 ވަނަ ދުވަހެވެ.
ރާބިއު އެންމެ ފުރަތަމަ ފުރުއްވާފައިވާ މަގާމަކީ ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމެވެ. އެ އެއަށްފަހު ގެންދަވަނީ މެދުކެނޑުމެއްނެތި ޕީޖީ އޮފީހަށް ހިދުމަތް ކޮށްދެއްވަމުންނެވެ.
ރާބިއުއަކީ މިވަގުތު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރެއިން އެދާއިރާގެ އެންމެ ގިނަ ތަޖުރިބާ ހުރި އެއް ގާނޫނީ ވަކީލު ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ރާބިއު ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވަނީ، މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން، ޝަރީއާތާއި ގާނޫނުގެ ދާއިރާއިންނެވެ. އަދި އޭގެ ފަހުން ވިލާ ކޮލެޖުން ޝަރީއާގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ. އަދި ޤާނޫނީ ދާއިރާއިން ގިނަ ޢަދަދެއްގެ ސެމިނާތަކާއި، ޓްރެއިނިންގް ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ފޮރެންސިކް ސައިންސްގެ ދާއިރާއާއި، ޖިންސީ ގޯނާގެ މައްސަލަތައް ތަހްގީގުކުރުމާބެހޭ ދާއިރާއާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ ޤާނޫނާ ގުޅޭ ޓްރެއިނިން ޕްރޮގްރާމްތައް ހިމެނެއެވެ.
އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލުންގެ ގޮތުގައި މިހާރު ތިއްބެވީ އަލްއުސްތާޒް އަބްދުﷲ ރާބިޢުގެ އިތުރުން، އަލްއުސްތާޒް ޙުސެއިން ނާޝިދާއި، އަލްއުސްތާޒް ޖިހާދާ އަނީސްއާއި، އަލްއުސްތާޒް ޝަމްރާ ޝަމީމްއެވެ.