ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކުޑަކުދިންގެ އަދަދު 100 އަށް އަރައިފި ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވި ކުޑަކުދިންގެ އަދަދު 100 އަށް އަރާފައިވާ ކަމަށާއި އެހެން ގައުމުތަކާ އަޅާ ބަލާއިރު ނިސްބަތުން ރާއްޖޭގައި މި ބަލި ކުޑަކުދިންނަށް ޖެހޭ އަދަދު ގިނަ ކަމަށެވެ.

މިހާތަނަށް ކޮވިޑް ޖެހުނު ކުޑަކުދިންގެ ތެރެއިން 2 ކުއްޖަކަށް އައިސީޔޫގައި ބާއްވައިގެން ފަރުވާ ދީފައިވާ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ. އަދި އެ ދެކުދިންނަކީ ވެސް 8 މަހަށް ވުރެ ތުއްތު ކުދިން ކަމަށް އޭނާ ވިދާޅުވިއެވެ. ބަލި ޖެހިގެން އައިސީޔޫގައި އެޑްމިޓް ކުރި ދެ ކުދިންގެ ފަރާތުން ރޯގާގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި ނަމަވެސް އެ ދެކުދިން ހުން އައި ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެއް ކުއްޖަކު ހޮޑުލާ ބޭރަށް ހިންގި ކަމަށް އޭނާ ވިދާޅުވިއެވެ.

އާއިލާއާ އެކު ޕޮޒިޓިވް ވި އެ ދެކުދިންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށް ފައިސަލް ވަނީ ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 18 އަހަރުން ދަށުގެ ޖުމްލަ 107 ކުދިންނެވެ. އޭގެ ތެރޭގައި ހިމެެނެނީ 59 ފިރިހެން ކުދިންނާއި 48 އަންހެން ކުދިންނެވެ. ޕޮޒިޓިވް ވި ކުދިންގެ ތެރޭގައި އުމުރުން 10 އަހަރުން ދަށުގެ 55 ކުދިން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ 25 އަންހެން ކުދިންނާއި 30 ފިރިހެން ކުދިންނެވެ.