ފާއިތުވީ 70 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މުމްބާއީ ސިޓީއަށް ކުރިމަތިވާނެ ކަމަށް ލަފާކޮށްފައިވާ އެންމެ ވަރުގަދަ ތޫފާނުގެ ގޮތުގައި ސިފަކުރަމުން އަންނަ 'ނިސާރްގާ'އާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ.

އިންޑިއާގެ ހުޅަނގު އައްސޭރި ފަށުގެ ބިންތިރި ސަރަހައްދު ތަކުން 100،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި ވާއިރު، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވް ވެފައިވާ ޕޭޝަންޓުންވެސް މީގެ ތެރޭގައި ހިމެނެއެވެ. ކޮވިޑް-19ގެ ޕޭޝަންޓުން އިވަކުއޭޓް ކޮށްފައިވަނީ އައިސޮލޭޝަން ސެންޓަރުތަކަކަށެވެ.

އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަރަބި ކަނޑުގެ ސަރަހައްދުގައި އުފެދުނު މި ތޫފާން، އިންޑިއާގެ އައްސޭރި ފަށުގެ ސަރަހައްދުތަކަށް އަރާފައި ވަނީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

18 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ މުމްބާއީއަކީ އާންމުކޮށް ތޫފާންތަކާ ކުރިމަތިލާންޖެހޭ ސިޓީއެއް ނޫނެވެ. މި ސަރަހައްދަށް އެންމެ ފަހުން ވަރުގަދަ ތޫފާނަކާ ކުރިމަތިލާން ޖެހުނީ 1948 ވަނަ އަހަރުއެވެ.

މުމްބާއީއަށް މި ތޫފާނާ ކުރިމަތިލާން ޖެހިފައި މިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިންޑިއާގެ އެންމެ ނުރައްކާ މަންޒިލަކަށް މަހާރާޝްތްރާ ސްޓޭޓް ވެފައިވާ ދަނޑިވަޅެއް ގައެވެ. މަހާރާޝްތްރާ ސްޓޭޓް އިން އެކަނިވެސް 73،000 އެއްހާ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.