ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާ ކޮމިޓީއިން ފާސްކޮށްފިއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި، އާމިރާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފައި ވަނީ ރޭގެ ބައްދަލުވުމުގައެވެ.
ރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އާމިރާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން އެދި ކޮމިޓީއަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ.
އާމިރާ ވަކިކުރުމުގެ މައްސަލަ ފެށުމަށް މަޖިލީހުގެ ތަޅުމުގައި އެކަން އިއްވައި ދެއްވުމަށް އެދި ފޮނުވަން ހުށަހަޅުއްވަމުން މޯޑް ވިދާޅުވީ މި ސާރުކާރުން ސިވިލް ސާވިސްއަށް އައްޔަން ހުރި މީހަކަށް ވެގެން ނުވަތަ މިދިއަ އަހަރު ޑިސެމްބަރުގައި މަގާމަށް އައްޔަން ކުރި މީހަކަށް ވެގެން ވަކި ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ.
އާމިރާ ހިމެނޭ ގޮތަށް ސީއެސްސީގެ ފަސް މެންބަރުން އެއްކޮށް ވަަކިކުރަން ހުށަހަޅުއްވާފައި ވާއިރު، މޯޑް ވަނީ އާމިރާ މަޖިލީހުގެ ކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވާފައި ކަން ފާހަގަ ކުރައްވާފައެވެ. އަދި އެކަން ޔައުމިއްޔާއިން ވެސް އެނގެން އޮންނާނެ ކަމަށް މޯޑް ވިދާޅުވިއެވެ.
އާމިރާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ކޮމިޓީގެ ހަ މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެންބަރުންނެވެ.
އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމި އިރު، އޭނާއަކީ މި ސަރުކާރު އައިފަހުން 2018 ވަނަ އަހަރުގެ ފަހުކޮޅު ސީއެސްސީއަށް އައްޔަންކުރި މެންބަރެކެވެ. އެ ކޮމިޝަންގައި ދެން ތިއްބެވި މެންބަރުންނަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އައްޔަންކުރި މެންބަރުންނެވެ.