ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާކޮށް، މިއަދާ ހަމައަށް ޖުމްލަ 6975 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދަކީ 6975 ކަމަށާއި އެއީ މާލެއިން 6153 މީހުންނާއި، ހުޅުމާލެއިން 713 މީހުންނާއި، ވިލިމާލެއިން 109 މީހުން ކަމަށެވެ. އަދި މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 384 މީހުން ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ މާލެއިން 343 މީހުންނާއި ހުޅުމާލެއިން 38 މީހުންނާއި ވިލިމާލެއިން 3 މީހުންނެވެ.

އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 9 މީހަކު ހައްޔަރު ކޮށް 206 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. އެ ގޮތުން އިއްޔެ ހައްޔަރު ކުރި 9 މީހުނަކީ މާލެއިން 8 މީހުންނާއި ހުޅުމާލެއިން އެކަކެވެ. އިއްޔެ ޖޫރިމަނާ ކުރި 206 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 202 މީހުންނާއި ހުޅުމާލެއިން 4 މީހުންނެވެ.

ލޮކްޑައުންގެ އަމުރާ ހިލާފުވެގެން މި މަހުގެ ރެކޯޑު:

  • 2 ޖޫން - 202 މީހުން ޖޫރިމަނާކޮށް، 9 މީހުން ހައްޔަރު ކުރި
  • 1 ޖޫން - 196 މީހުން ޖޫރިމަނާކޮށް، 5 މީހުން ހައްޔަރު ކުރި

ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ކުރިން ކޮންމެ ގޭބިސީއަކުން އެކަކަސް ނުކުތުމުގެ ހުއްދަ ދޫކޮށްފަިއވާ އިރު މިހާރު ކޮންމެ ގޭބިސީއަކުން ތިން މީހަކަށް ކޮންމެ ހަފްތާއަކު ދެ ދުވަހު ދެ ގަޑިއިރަށް ނުކުވޭ ގޮތަށް އަންނަނީ ހުއްދަ ދެމުންނެވެ. މި ގޮތަށް ލޮކްޑައުންގެ ވަގުތުގައި ބޭރުގައި އުޅޭ ހުއްދަ ދޫކުރަން ފަށަަފއިަވނީ މި މަދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގައި ދޭން ފެށި ލުއިތަކާ އެކުގައެވެ. .