ސްކޫލްތަކުގެ ކުލާސްރޫމް ތަކަށް އަތް ދޮންނަ ސައިބޯނި ފުޅި ހޯދަން ބޭނުން ވާތީ އެ ޕްރޮޖެކްޓަށް ބީލާމަށް ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޔުނިސެފްގެ "ސްކޫލް ވޮޝް ޕްރޮގްރާމް" ގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 500 އެމްއެލްގެ 12,500 އަތްދޮންނަ ސައިބޯނި ފުޅި ހޯދަން ބޭނުންވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ސްކޫލަތްކުގެ ކްލާސްރޫމްތަަކަށް އަތްދޮންނަ ސައިބޯނި ފުޅި ހޯދުމުގެ ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ. އެގޮތުން އެ ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތައް، މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްތާ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެ ގޮތުން އޭމެއިލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް މެއިލް ކުރާނީ [email protected] އީމެއިލްއަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބީލަން ހުށަހެޅޭނީ އަންނަ ހޮނިހިރު ދިުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށާއި ރަޖިސްޓްރީ ކުރާއިރު ރަޖިސްޓްރީކުރަން ހުށަހަޅާ ވިޔަފާރީގެ ނަމާއި، އީމެއިލް އެޑްރެހާއި ގުޅޭނެ މޯބައިލް ނަންބަރު ހިމަނަން ޖެހޭނެ ކަމަށެވެ. އަދި ބީލަން ފޮނުވަން ޖެހޭނީ އަންނަ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮވިޑް19 އާގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އޭއަށްފަހު ކުދިންނަށް ކިޔަވައި ދިނުުގެ ކަންކަން ކުރިއަށް ގެންދަމުން ދަނީ ޓެލެކްލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ. ކޮވިޑް-19 އިން އަރައިގަތުމަށް މިހާރު ސަރުކާރުން ލުއިތައް ދެމުންދާއިރު ސްކޫލަތައް ހުޅުވައިގެން ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އަދި އެފަދައިން ސްކޫލްތައް ހުޅުވޭ އިރު ހުރިހާ ސްކޫލަތަކެއްގައި ކުދިންނަށް އަތް ދޮވެވޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރާނެ ކަމަށް ވެސް އެޑިއުޚޭޝަނުން ބުނެފައި ވެއެވެ.