ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް މިހާތަނަށް ޕޮޒިޓިވްވި 6.4 މިލިއަން މީހުންގެ ތެރެއިން ޝިފާ ލިބި، ބަލިން ރަނގަޅުވި މީހުންގެ އަދަދު 3 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ޝިފާ ލިބުނު މީހުންގެ އަދަދު މިހާރު ވަނީ 3009648 އަށް އަރާފައެވެ. ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައިނުވާއިރު، ބައެއް ގައުމުތަކުން މިވަގުތު އެންމެ ކާމިޔާބު ފަރުވާއެއް ކަމަށް އިއްތިފާގުވަނީ، ޖިލިއަޑް ސައެންސަސްގެ އުފެއްދުމެއް ކަމަށްވާ ރެމްޑެސިވިއާއެވެ. ނަމަވެސް މިއީ ކޮވިޑް-19ގެ ފަރުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން އަދިވެސް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
ކޮވިޑް-19ގެ ޖެހިގެން މިވަގުތު ފަރުވާ ދެމުންދާ މީހުންގެ އަދަދު އުޅެނީ 3086130 ގައެވެ. މީގެ ތެރެއިން 3031579 މީހެއްގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް 54551 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލްއެވެ. ކުރިޓިކަލް/ސީރިއަސް ޕޭޝަންޓުން އެންމެ ގިނައީ އެމެރިކާއާއި އިންޑިއާގައެވެ. އެގޮތުން އެމެރިކާގައި މިވަގުތު ސީރިއަސް/ކުރިޓިކަލް ހާލުގައި އޮތް 17114 މީހަކަށް ފަރުވާ ދެމުންދާއިރު، އިންޑިއާއިން ދަނީ މިހާލަތުގައި އޮތް 8944 މީހަކަށް ފަރުވާ ދެމުންނެވެ.
ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 382188 އަށް އަރާފައިވާއިރު، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، ބްރެޒީލް އަދި ފަރަންސޭސިވިލާތުންނެވެ.