ކަސްޓަމްސް ކައިރިއަށް މީހަކު ވެއްޓި ތެޅޭ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ކަސްޓަމްސް ކައިރިއަށް މީހަކު ވެއްޓި ތެޅޭ ވިޑިއޯއެއް އާންމުވެފައި ވާއިރު، އެ މީހާ ތެޅި ތެޅި އޮތް އިރު އެހީވާނެ މީހަކު ނެތެވެ. މިކަން ހިނގަފައި ވަނީ މިރޭ 7:55 ހާއިިިރެވެ.

ކަސްޓަމްސް އިމާރާތް ބިތްދޮށު ދޮރާ ދިމާލު މީހަކު ވެއްޓިފައި ވަނީ މަގު މައްޗަށް ނޭވާ ހާސް ވެގެން ކަމަށް މައުލޫމާތު ލިބެއެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ވަގުތު އެ ސަރަހައްދުން އެމްބިއުލާންސެއް ވެސް ވަނީ އަޅާނުލާ ގޮސްފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ނޭވާ ނުލެވިގެން އުޅޭހެން އެމީހާ ތެޅި ތެޅި އޮތް އިރު، މީހުން ތިބީ ދުރުގައި އޭނާއަށް ކަން ކުރަންވީ ގޮތް ކިޔައިދޭށެވެ. އެގޮތުން ސައިޑަކަށް (އެއްފަރާތަށް) އޮތުމަށް މީހަކު އިރުޝާދު ދޭ އަޑުވެސް ވީޑިއޯއިން އިވެއެވެ. އަދި މީހަކު އެމީހާއާ ކައިރިއަށް ދާން އުޅުމުން އެ ސަރަހައްދުގައި ތިބި މީހުން އެކަން ހުއްޓުވާ މަންޒަރުވެސް ފެނެއެވެ. އަދި ފުލުހުންވެސް އެސަރަހައްދުގައި ހަރަކާތްތެރިވާ ތަން ވީޑިއޯ އިން ފެންނަ އިރު، ވެއްޓިފައި އޮތް މީހާއާ ދިމާއަށް ގުދުވެ ފުލުހަކު އޭނާކުރެން ސުލާލު ކުރާތަން ފެނެއެވެ. ނަމަވެސް އެހީ ކޮން ސުވާލެއް ކަމެއް ނޭނގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ޕިކަޕެއްގައެވެ. ޕިކަޕަށް ވެއްޓިފައި އޮތް މީހާ އެރުވީ އެތާ އެއްވެފައި ތިބި އާންމުންންނެވެ.

ބެލެވޭ ގޮތުގައި އޭނާއާ މީހަކު ކައިރި ނުވީ، މި ދުވަސް ވަރަކީ ކޮވިޑްގެ ބަލިމަޑުކަން މާލެ ތެރޭގައި ފެތުރޭ ދުވަސް ވަރަކަށް ވުމާއި، ކޮވިޑް ބަލީގައި ބޮޑުވަރުވާ މީހުންނަށް ފިޓް ޖެހުމާއި ނޭވާލުމަށް އުނދަގޫވެ ތެޅި ފޮޅުން ފަދަ ކަންތައްތައް ދިމާވާތީ ވެއްޓިފައި އޮތް މީހާއަކީ ކޮންކަމެއް ދިމާވެފައި އޮތް މީހެއް ކަމެއް ނޭނގިގެންނެވެ.