ޑިސްއިންފެކްޓް ކުރުމަށް މާލޭގެ އޭޓީއެމްތައް ގަޑިއިރަކަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލުން ބުނީ އޭޓީއެމްތައް ޑިސްއިންފެކްޓް ކުރުމަށް ނިންމާފައި ވަނީ ޝެޑިއުލް އަކަށް ބަހާލައިގެން ކަމަށެވެ. އަދި މި ޝެޑިއުލް ބީއެމްއެލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ވަނީ، އޭޓީއެމަށް ޒިޔާރަތް ކުރާ ފަރާތްތަކުން ހުއްދައަށް އެދޭއިރު އެދޭނީ މި ޝެޑިއުލް ބެލުމަށްފަހު، އޭޓީއެމް ބަންދުނޫން ގަޑިތަކަށް ސަމާލުކަން ދީގެން ކަމަށެވެ.

ބީއެމްއެލްގެ ވެބްސައިޓުގައިވާ ގޮތުން މިރޭ 10:30 ގައި ތިން އޭޓީއެމެއް ޑިސްއިންފެކްޓް ކުރުމަށްޓަކައި ބަންދު ކުރާނެއެވެ. އެއީ ބީއެމްއެލް މެއިން ބްރާންޗް އޭޓީއެމް ސެންޓަރު، ކަސްޓަމާ ސާވިސް ސެންޓަރު އަދި މެރިން ޑްރީމް އޭޓީއެމް ސެންޓަރު (ދިވެހި ރުފިޔާ އޭޓީއެމް އަދި ޔޫއެސް ޑޮލާ އޭޓީއެމް) އެވެ.

ބީއެމްއެލުން ދަނީ މާލޭގައި އެބޭންކުގެ 7 އޭޓީއެމް ސެންޓަރެއްގެ ހިދުމަތް ދެމުންނެވެ. ބީއެމްއެލްގެ އޭޓީއެމްތަކަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ހިދުމަތް ހޯދަމުންދާ ތަނެކެވެ. އަދި ބޭންކުގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އޭޓީއެމް ސެންޓަރުތައް ޑިސްއިންފެކްޓެންޓު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އެބޭންކުން ބުނެއެވެ.