ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެން މުހައްމަދު ލަތީފުގެ ގައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފައިން ޖެއްސެވި ކަމަށް ބުނެ މައްސަލަ ބަލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މެންބަރު ހުސައިންގެ ގައިގައި މަޖިލީހުގެ ނާއިބު ރައީސް ފައި ކުރުކުރައްވައި ކޮޅުފައިން ޖެއްސެވި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި ރޭ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާއަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، ސުޕްރީމް ކޯޓުން ދީފައިވާ އިސްތިޝާރީ ލަފައާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށާއި އެ ޖަލްސާގައި ހިނގާ ދިޔަ ކަންތަށް ބަަލައި ނުގަނެވޭނެ ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަކީ ދައުލަތުގެ އިސް އަދި އެހާމެ ޒިންމާދާރު މަގާމެއް ކަމަށް ވާއިރު، އެމަގާމުގައި ހުންނަވާ ބޭފުޅަކު މިފަދަ ނުރައްކާތެރި އަދި ހަޑިމުޑުދާރު އަމަލެއް ހިންގެވުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ. އަދި އެ މައްސަލަ ބަލާ ފިޔަވަޅު އެޅުއްވުމަށް މޯލްޑިވްސް ޕޮލިސަށް ސާވިސްއަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
އިދުކޮޅުން އެ އަމަލު ކުށްވެރި ކޮށްފައި ވާއިރު، ރައްޔިތުން މަޖިލީހުގެ ރޭގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެންމެ ބޮޑު އަނިޔާއެއްވި ކަމަށް ބުނަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ކަމަށާއި އޭނާގެ މޭކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް ޝިޔާމް ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމް އިން ވަނީ ބުނެފައެވެ.
މިހާތަނަށް އޭނާ ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ހަތަރު ހަފްތާ އަށް ބެޑު ރެސްޓު ކުރުމަށް ލަފާ ދީފައިވާ ކަމަށްވެސް ޕީޕީއެމް އިން ބުނެއެވެ. އަދި މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.