ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ލިބޭ ގެއްލުން ކުޑަކޮށް ތައުލީމީ ދާއިރާ ނެގެހެއްޓުމުގައި ޔުނިސެފުން ވަމުންދާ އެހީތެރިކަން ބޮޑު ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައި ވީނަމަވެސް ހުއްޓުމެއް ނެތި ދަރިވަރުންނަށް ތައިުލީމު ފޯރުކޮށް ދިނުމަށްޓަކައި މުދައްރިސުންނަށް ބޭނުންވާ މައުލޫމާތާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި ޔުނިސިފުން އެހީތެރިކަން ފޯރުކޮށް ދެމުންދާ ކަމަށެވެ.
ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަންކަން:
- މުދައްރިސުންނަށް އަމާޒުކޮށްގެން ޔުނިސެފުގެ އެހީތެރިކަމާއެކު ގޫގުލް ފޯ އެޑިޔުކޭޝަން ތަމްރީނު ޕްރޮގްރާމް ހިންގުން
- އުގަންނައިދިނުމުގައި ދަރިވަރުންނަށް ރައްކާތެރި އޮންލައިން މާހައުލެއް ގާއިމުކުރުން
- އޮންލައިން ވަސީލަތްތަކުގެ އެހީގައި ކިޔަވައިދިނުމުގައި ހުރި ދަތިތައް ހޯދާ، އެކަންކަމަށް ހައްލު ހޯދައި ދިނުމަށް: ގޫގުލް ކްލާސްރޫމުގެ ބޭނުންކޮށްގެން އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދިނުމުގައި މުދައްރިސުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދީ އޮންލައިންކޮށް ކިޔަވައިދިނުމުގެ ވައްޓަފާޅި ތަރައްގީކުރުން
- އަދި ޓެލެކިލާސްތައް ކުރިއަށް ގެންދިއުމަށް ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަން (އެންއައިއީ)ގައި ސްޓޫޑިއޯ ސެޓަޕެއް ގާއިމުކޮށްދިނުން - ފަންނީ އަދި މާލީ އެހީތެރިކަން
- ސްކޫލްތައް އަލުން ހުޅުވައި ކިޔަވައިދޭން ފަށާއިރު ދަރިވަރުންގެ އާންމު ސާފުތާހިރުކަން އިތުރުކުރުމަށްޓަކައި ސްކޫލްތަކަށް ސައިބޯނި ފޯރުކޮށް ދިނުން
- ކަރިކިއުލަމްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޭނުންކުރާނެ ޓޫލްސް ތައްޔާރުކޮށް ދިނުން
- ރާއްޖޭގެ ތައުލީމީ ދާއިރާގެ މައުލޫމާތުގެ ނިޒާމު (މީމިސް) ޕޯޓަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން - ފަންނީ އަދި މާލީ އެހީތެރިކަން
- ކޮވިޑް-19 ގެ ސަބަބުން ތައުލީމީ ދާއިރާއަށް ލިބޭ ގެއްލުންތައް ދިރާސާކޮށް، ކޮވިޑް-19 އަށް އިޖާބަދީ ތައްޔާރުކުރުމަށްޓަކައި ބޭނުންވާ ޕްލޭންތައް ހެދުމުގައި ކޮންސަލްޓެންޓެއް ހޯދައި ދިނުން
- ދަރިވަރުންނާއި މުދައްރިސުންނަށް ނަފުސާނީ ގޮތުން ދިމާވާ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން
- ޅަފަތުގެ ތައުލީމުގެ މަރުހަލާގެ ދަރިވަރުންނަށް ހާއްސަކޮށްގެން މަޝްހޫރު ލިޔުންތެރިންގެ ފޮތްތައް ފޯރުކޮށް ދިނުން
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ތައުލީމީ ނިޒާމު ނެގެހެއްޓުމަށްޓަކައި އަދި އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މި ހައްސާސީ ވަގުތުގައި ޔުނިސެފުގެ އެންމެހައި ވެރިން، ހާއްސްކޮށް ޔުނިސެފްގެ ރާއްޖޭގެ ގޮފީގެ ފަރާތުން ވަމުންދާ އެހީތެރިކަމަކީ އަގުކުރުވޭ ވަރަށްވުރެ މާ މަތިވެރި އެހީތެރިކަމެއް ކަމަށެވެ. އެ މިނިސްޓްރީން ވަނީ ޔުނިސެފުގެ އެހީތެރިކަން ފާހަގަކޮށް ތައުލީމީ ދާއިރާގެ އެންމެހައި ހިއްސާދާރުންގެ ނަމުގައި ޔުނިސެފަށް އިހްލާސްތެރި ޝުކުރެއް އަދާކޮށްފައެވެ.