ދިވެހި ރެޑް ކްރެސެންޓްގެ ކޮވިޑް-19 މައިގްރަންޓްސް ރިލީފް ފަންޑަށް 1.3 މިލިއަން ދިވެހި ރުފިޔާގެ އެހީ ލިބިއްޖެއެވެ.

މި ފަންޑު ހުޅުވާލީ މިދިޔަ މޭ މަހުގެ 1 ވަނަ ދުވަހެވެ. އަދި މެމަހުގެ ނިޔަލަށް މި ފަންޑަށް ފައިސާ ޖަމާ ކުރުމަސް ހުޅުވާލާފައިވާއިރު، ޖޫން މަހުގެ 1 ވަނަ ދުވަހު ފަންޑު ވަނީ ބަންދުކޮށްފައެވެ. އަދި ފަންޑު ބަންދު ކުރިއިރު ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ދެ އެކައުންޓަށް އެކުޖުމްލަ 1.3 މިލިއަން ދިވެހި ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

ރެޑް ކްރެސެންޓުން ބުނީ މި ފަންޑް ހުޅުވުމުގެ މަގްސަދަކީ ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީތެރިވުމުގެ ގޮތުން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެހީ ބޭނުންވާ ފަރާތްތަކަށް އެހީވުން ކަމަށެވެ. އެގޮތުން މި ފަންޑުގެ އެހީގައި އިގްތިސޯދީ ދަތިތައް ކުރިމަތިވެފައިވާ ބިދޭސީންނަށް އެހީތެރިކަން ފޯރުކޮސްދިނުމަށް ރެޑް ކްރެސެންޓުން ހިންގަމުންދާ ހަރަކާތްތައް ފުޅާ ކުރުމަށް ރެޑް ކްރެސެންޓުން ވަނީ ނިންމާފައެވެ.

ރެޑް ކްރެސެންޓުގެ މާލެ ބްރާންޗުގެ ފަރާތުން ހިންގާ މައިގްރެންޓޤ ސަޕޯޓް ސެންޓަރުން ދަނީ ބިދޭސީންނަށް ކާބޯތަކެތި ހަމަޖައްސައިދިނުމާއި ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން އެހެނިގެން ކަންކަމުގައި ވެސް ހަރަކާތްތެރިވަމުންނެވެ.

މިކަމާ ގުޅިގެން ރެޑް ކްރެސެންޓުގެ ސެކެޓްރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ކޮވިޑް މައިގްރެންޓްސް ފަންޑަށް ލިބިފައިވާ ފައިސާގެ 85 ޕަސެންޓް ބޭނުން ކުރާނީ ހާލުގައި ޖެހިފައިވާ ބިދޭސީންގެ ކޮއްތު ހަމަޖައްސައިދިނުމުގެ މަސައްކަތަށް ކަމަށެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ޕާރުސަލް ފޯރުކޮށްދިނުން ހިމެނޭއިރު، މައިގްރެންޓް ސަޕޯޓް ސެންޓަރުން މިހާރުވެސް ދަނީ ގަވައިދުން 3600 އެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދެމުން ކަމަށް ހިމްޔާ ވިދާޅުވިއެވެ.

ބިދޭސީންނަށް ހައިޖީނިކް ކިޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ރެޑް ކްރެސެންޓުން ކުރަމުންދާއިރު، މިހާތަނަށް 550 ފަރާތަށް ހައިޖީނިކް ކިޓް ވަނީ ފޯރުކޮށްދީފައެވެ. އަދި ފަންޑުން ލިބުނު ފައިސާގެ 10 ޕަސެންޓް ހައިޖީނިކް ޕްރޮމޯޝަނަށް ހޭދަކުރުމަށް ނިންމާފައިވާއިރު، އިދާރީ ހަރަދުތަކަށް ބޭނުން ކުރުމަށް ނިންމާފައި ވަނީ 5 ޕަސެންޓަށްވާ ފައިސާއެވެ.