ތިލަފުށީގައި ހަމަނުޖެހުން ހިނގާ 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިހަމަނުޖެހުން ހިނގާފައި ވަނީ ފުލުހުންނާއި ބިދޭސީންނާ ދެމެދު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ފުލުހުން ބުނީ، މިހާދިސާގައި 2 ފުލުހަކަށް އަނިޔާ ވެފައި ވާ ކަމަށެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ތިލަފުށީގައި ތިބި ބިދޭސީންގެ ތެރޭގައި ހުރި އިންޑިއާ ރައްޔިތަކު ދިވެހި ފުލުހެއްގެ ގައިގާ ޖެހުމުގެ ސަބަބުންނެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް ލިބިފައި ނުވާ އިރު، މިހާރު އެ ހަމަނުޖެހުން ކޮންޓްރޯލް ކޮށްފި ކަމަށްވެސް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ތިލަފުށްޓަކީ ގިނަ އަދަދެއްގެ ބިދޭސީން ދިއިރުޅޭތަނަކަށް ވުމުގެ އިތުރުން ކޮވިޑާ ގުޅިގެންވެސް ގިނަ އަދަދެއްގެ ބަޔަކު ތިލަފުށީގައި އެކަހެރިކޮށްފައި ވެސް އެބަ ތިއްބެއެވެ.

ތިލަފުށީގައި މިހާދިސާ ހިނގި އިރު ހުސްވި މޭމަހުގެ 23 ވަނަ ދުވަހު ހުޅުމާލޭގައި ބިދޭސީން ތިބޭ ފެސިލިޓީއެއްގައިވެސް ފުލުހުންނާއި ބިދޭސީންނާ ދެމެދު ހަމަނުޖެހުން ހިނގާ، ފުލުހުންނާ ދިމާއަށް ގޮނޑިއާއި ތަކެތި ބިދޭސީން އުކާފައި ވެއެވެ. އެހާދިސާ އާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ބުނީ، އެ ހާދިސާ ހިނގަން މެދުވެރިވީ، ހުޅުމާލެ ފެސިލިޓީގައި ތިބި ބިދޭސީންނަށް ކެއުން ގެންދިއުމުގައި ލަސްތަކެއް ދިމާވެގެން ކަމަށެވެ.

މިއަދު ތިލަފުށީގައި ހަމަ ނުޖެހުން ހިނގަން މެދުވެރިވި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް 60،000 އަށް ވުރެ ގިނަ ބިދޭސީން އުޅޭ އިރު ރާއްޖެގައި އުޅޭ ބިދޭސީންގެ ޖުމްލަ އަދަދު 120،000 އަށް އަރައެވެ.