ރޭ މަޖިލީހުގައި ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މަޖިލީހުގައި ހަމަނުޖެހުން ހިންގި މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭ އަދި ފުލުހުން ހުއްދަ ދީފައި ވަނީ ވަކި ޝަރުތުތަކަކާ އެކުއެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ކުރިން، ޓެމްޕަރޭޗާ ބަލައި ހުން ނެތްކަން ކަށަވަރު ކުރުމާއި، ކޮވިޑް-19 ގެ އަލާމާތެއް ހުރި އެއްވެސް މީހަކު ޖަލްސާގައި ބައިވެރި ނުވުމާއި މާލަމަށް ވަނުމުގަ އާއި ނުކުތުމުގައި، އެކަކު އަނެކަކާ ދެމެދު ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުން ހިމެނެއެވެ.
އަދި ޖަލްސާގައި ބައިވެރިވާ މީހުން ސައިބޯނި ލައިގެން އަތްދޮވެވޭނެ ގޮތް ނުވަތަ ހޭންޑް ސެނިޓައިޒާ ބެހެއްޓުމާއި، މާލަމުގައި ތިބޭއިރު ގިނަގިނައިން މީހުން އަތްލާނެ ތަކެއްޗާއި ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުމުގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ އާންމު އިރުޝާދުތަކާ އެއްގޮތަށް އަމަލު ބެހެއްޓުން ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ނަމަވެސް ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލު ފާސް ކުރުމަށްޓަކައި ރޭ ބޭއްވި ޖަލްސާ، ހޫނުވެ މެންބަރުން އެކަކު އަނެކަކު ގަޔަށް އަތްލާ ހިސާބަށް ވަނީ ގޮސްފައެވެ. މި ހަމަނުޖެހުމުގައި ބައެއް މެންބަރުންނަށް ވަނީ އަނިޔާވެސްވެފައެވެ.
އެގޮތުން، ރޭގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެންމެ ބޮޑު އަނިޔާއެއްވި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް ޝިޔާމް ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމް އިން ބުނެއެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މެންބަރު ޝިޔާމްގެ ނަން އިއްވާ އޭނާ ނެރުމަށް ސާޖެންޓް އެޓް އާމްސް މަސައްކަތް ކުރެއްވިއިރު މަޖިލީހުގެ ބައެއް އެހެން މެންބަރުން ވަނީ ޝިޔާމް ކޮއްޕާ ހައްދަވާފައެވެ. އަދި އެވަގުތު ގިނަ ބަޔަކު އަޑުގަދަކޮށް ބައެއް މެންބަރުން ޝިޔާމްގެ ގައިގައި އޮޅުލައިގެން ތިބެ މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން އުޅޭތަން ފެނެއެވެ.