އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް، އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރުވި މައްސަލާގައި އެމެރިކާގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަ ކުރަމުންދާއިރު، އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް އެމެރިކާގެ ހަތުރުވެރި އީރާނުގެ ހާރިޖިއްޔާއިން އެމެރިކާއަށް ގޮވާލައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމެރިކާގެ އާންމު ރައްޔިތުންނަށް ދެއްވި ހާއްސަ މެސެޖެއްގައި އީރާނު ހާރިޖިއްޔާގެ ތަރުޖަމާނު ޢައްބާސް މުސާވީ ވިދާޅުވީ، މުއްބާރު ސަރުކާރަކާ ދެކޮޅަށް ރައްޔިތުން ރޮމުންދާ ރުއިމުގެ އަޑު އަހައިފިކަމަށާ، މުޅި ދުނިޔެވެސް މިއަދު ތެދުވެ އޮތީ އެމެރިކާގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
ހަމަ މި ރޫހުގައި އެމެރިކާގެ އޮފިޝަލުންނާ ފުލުހުންނާ މުހާތަބު ކުރައްވަމުން މޫސާވީ ވަނީ އަމިއްލަ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލާ، އެ ރައްޔިތުން "ނޭވާލިޔަދިނުމަށް" ގޮވާލައްވާފައެވެ.
އިނގިރޭސިބަހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސާވީ ވިދާޅުވީ، އެމެރިކާގެ ރައްޔިތުން މިއަދު އުފުލަމުންދާ ތަކުލީފުތަކާ މެދު ހިތާމަ ކުރައްވާކަމަށާ، އެ ރައްޔިތުންނަކީ އިހުތިރާމު ހޯދާ، އަނިޔާވެރިކަން ހުއްޓުވާލުމަށް ސުލްހަވެރި ކަމާއެކު މަސައްކަތް ކުރަމުންދިޔަ ބައެއް ކަމަށާ، ނަމަވެސް ވަކި ބަޔަކު ތަފާތު ކުރުމެއް ނެތި އެ ރައްޔިތުންނަށް ފިއްތުންތައް ކުރިމަތިކޮށް، އެ މީހުންނަށް އިންތިހާއަށް އަނިޔާވެރިވެފައިވާކަމަށެވެ.
ޒަމާންވީ އަދުއްވުގެ ގޮތުގައި އޮތް އެމެރިކާއިން ދަނީ އަމިއްލަ ފަސްގަނޑާ، ގައުމުން ބޭރުގައިވެސް ހަމަނުޖެހުން އުފައްދާ، "ބުލީ" ކުރަމުން ކަމަށްވެސް މޫސާވީ ވަނީ ސިފަކުރައްވާފައެވެ.
ފްލޮއިޑްގެ ކަރުމައްޗަށް ކުޑަކަކޫ ޖަހައިގެން އެމެރިކާގެ އޮފިސަރަކު ހުރި ހުރުމަށް އިޝާރާތް ކުރައްވަމުން އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވީ، 'ކަރަށް ފައިން އެރުމަކީ' އެމެރިކާއިން ބޭނުންކުރާ އާ އުކުޅެއް ނޫން ކަމަށާ، ފާއިތުވީ 2 އަހަރެއްހާ ދުވަހު އީރާނުގެ 80 މިލިއަނެއްހާ ރައްޔިތުންނާ ދެކޮޅަށްވެސް އެމެރިކާއިން އަނިޔާވެރިވަމުންދިޔައީ މިފަދަ ގޮތަކަށް ކަމަށެވެ.
އެމެރިކާގެ ފިއްތުންތަކާއެކު އީރާނުގެ މަސްރަހު ނުތަނަވަސްވެ އެގައުމުން މުޒާހަރާއަށް ނިކުތް ރައްޔިތުންތަކަކާ ދެކޮޅަށް އީރާނުގެ ސަރުކާރުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އީރާނުގެ ރައްޔިތުންތަކެއްގެ ފުރާނަވަނީ ގެއްލިފައެވެ. ނޮވެމްބަރު މަހުން ފެށިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި 300 އެއްހާ ރައްޔިތުންގެ ފުރާނަ މި ގޮތަށް ގެއްލިފައިވާނެ ކަމަށް އީރާނުން ބުނާއިރު، މިއަދަދު 1000 އަށްވުރެ މައްޗަށް އަރާނެ ކަމަށް އެމެރިކާއިން ވަކާލާތު ކުރެއެވެ.
އެމެރިކާއާއި އީރާނުގެ ޒަމާންވީ ހަތުރުވެރި ގުޅުން އިތުރަށް ހީނަރުވީ، އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލާގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން ވަކިވުމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމާ، އެކަމަށް އަމަލީ ސިފަ ގެނެސް، އީރާނު އިނދަޖައްސާލުމުގެ އަމަލީ މަސައްކަތް އެމެރިކާއިން ފެށި ހިސާބުންނެވެ.