ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް މަޖިލީހުގައި ތިއްބެވި މެންބަރުން ކޮށްދެއްވި މަސައްކަަތަށް ބާންޑާރަ ނައިބު އިބްރާހިމް ރިއްފަތު ޝުކުރު ދަންނަވައިފިއެވެ.

ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހު ގެނެސް، ލާމަރުކަޒީ ނިޒާމު މެދުކެނޑުމެއްނެތި ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުން ކޮށްދެއްވި އިހްލާސްތެރި މަސައްކަތަށް ނުހަނު ޝުކުރު ދަންނަވާ ކަމަށެވެ.

މި ދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުންނެވެ. އެއާއެކު މިހާރު އިންތިހާބު ކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު އަންނަ އަންގާރަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ 5 ވަނަ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.

އާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން، އިންތިހާބު ވަކި ތަރީހެއް ނެތްގޮތަށް ފަސްކުރަން ޖެހި، އަދި ލޯކަލް ކައުންސިލްތަކަށް ދިމާވާނެ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހެއް ވަނީ ގެންނަން ޖެހިފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ގާނޫނު އަސާސީ އިސްލާހު ކުރުމަށް މަޖިލީހުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންއެ އިސްލާހު ފާސްކުރުމާމެދު އެއްބަސްވުމަކަށް ނުދެވުމުން އެކަން ކުރެވޭގޮތް ވަނީ ނުވެފައެވެ. އެހެންކަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ދެން މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް ކޮމެޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު، ރޭ މެންދަމުގެ ވަގުތެއްގައި މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކޮށްފައެވެ.

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެން އެ ބިލު ރޭ ފާސްކުރީ 74 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުގައި ގާނޫނު އަސާސީއަށް މަޖިލީހުން އިސްލާހެއް ގެނެވޭނީ މަޖިލީހުގެ ހަތަރުބައި ކުޅަ ތިންބައިގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވާއިރު، ހަތަރުބައި ކުޅަ ތިންބައިގެ އަޣުލަބިއްޔަތަކީ 66 މެންބަރުންނެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުން އެކަމަށް ބަންޑާރަ ނައިބު ރިއްފަތު މަރުހަބާ ދަންްވާފައި ވާއިރު، ގާނޫނު އަސާސީއަށް އިސްލާހު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ކުރީގެ ދެ އުއްތަމަފަނޑިޔާރުންނާއި ގާނޫނީ ބައެއް ބޭފުޅުންވެސް ވިދާޅުވެފައި ވެއެވެ. ކުރީގެ ދެ އުއްތަމަ ފަނޑިޔާރުން ކަމަށްވާ އަހުމަދު ފާއިޒާއި ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި މިހާރު ދިމާވެފައިވާ މައްސަލަތަކަށް ސުޕްރީމް ކޯޓުން ހައްލު ހޯދޭނެ ކަމަށް ވިދާޅުވެފައެވެ.