އަރްމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔަންއާއި އޭނާގެ މުޅި އާއިލާވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ފޭސްބުކް ލައިވް މެދުވެރިކުރައްވާ މިކަން އިއުލާން ކުރައްވަމުން ބޮޑުވަޒީރު ޕަޝިންޔަން ވިދާޅުވީ، ކޮވިޑް-19 ޖައްސާ ވައިރަހަށް އޭނާ ހުށަހެޅުނު ކަމަށް ބޮޑަށް ބެލެވެނީ މަސައްކަތުގެ ތެރެއިން ހާޒިރުވެވަޑައިގެންނެވި ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމަކުން ކަމަށެވެ.

ހަށިކޮޅުން ބަލީގެ އެއްވެސް އަލާމާތެއް ފެނިވަޑައިނުގަންނަވާ ކަމަށާ، ގެކޮޅުގައި ހުންނަވައިގެން ވީ ވަރަކުން ރަސްމީ މަސައްކަތްޕުޅުތައް ކުރެއްވޭތޯ ބައްލަވާނެ ކަމަށްވެސް އަރްމީނިއާގެ ބޮޑުވަޒީރު ވަނީ ހާމަކުރައްވާފައެވެ.

ކޮވިޑް-19އާ ދެކޮޅަށް އެގައުމަށް ކުރެވެމުންދަނީ މާ އެދެވޭ ހަނގުރާމައެއް ނޫންކަން ފާހަގަކުރައްވަމުން ބޮޑުވަޒީރު ވަނީ، މި ވައިރަހާއެކު ދިރިއުޅެން ދަސްކުރުމަށް އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.