ބެލްޖިއަމްގެ އަމީރު ޔޮއަކީމް ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އާންމުކޮށް އިއުލާންކުރައްވާ، މައާފަށް އެދިވަޑައިގެންފިއެވެ.

މިވަގުތު ސްޕެއިންގައި ހުންނެވި އަމީރު ޔޮއަކީމް ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ކަށަވަރުވިއިރު އޭނާ ވަނީ ސްޕެއިންގައި ދިރިއުޅެމުންދާ ރަހުމަތްތެރިއެއްގެ އާއިލާއާއިއެކު ވަގުތުތަކެއްވެސް ހޭދަކޮށްފައެވެ.

އުމުރުން 28 އަހަރު ޔޮއަކީމްއަކީ ބެލްޖިއަމްގެ ފްލީޕޭ ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ އަމީރެކެވެ. އޭނާ ބެލްޖިއަމްއިން ސްޕެއިންއަށް ދަތުރުކުރެއްވީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 12 ނުވަތަ 27 ވަރަކަށް މީހުން ބައިވެރިވި އާއިލީ އިވެންޓް އޮތީ މިމަހުގެ 26 ވަނަ ދުވަހު ކަން ބެލްޖިއަމްގެ ޝާހީ ގަނޑުވަރުގެ ޕްރެސް އޮފީހުންވަނީ ހާމަކޮށްފައެވެ. އަދި އަމީރު ޔޮއަކީމް ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ކަށަވަރުވީ މިމަހުގެ 28 ވަނަ ދުވަހު ކަމަށްވެސް ގަނޑުވަރުން ޚަބަރު ދެއެވެ.

އަމީރު ޔޮއަކީމް މައާފަށް އެދިވަޑައިގަތީ ދަތުރުކުރެއްވުމަށްފަހު ކަރަންޓީނުގެ އުސޫލުތަކަށް ކިޔަމަންވެވަޑައިނުގެންނެވި އޮތުމުންކަމަށާ، އެއީ އެއްވެސް ހާލެއްގައި ވަކި ބަޔަކަށް ބޭ އިހުތިރާމު ކުރުމުގެ ނިޔަތުގައި ކުރެއްވި ކަމެއް ނޫންކަމަށާ، އޭނާގެ އަމަލުތައް ހުރި ގޮތުން ނިކުން ނަތީޖާގެ ސަބަބުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން އޭގެ އެންމެ ހިތި ހާލުގައި ތަޖުރިބާކޮށްފައިވާ އެއް ގައުމު ކަމަށްވާ ސްޕެއިންއިން ވަނީ މެއި 15 ވަނަ ދުވަހުގެ ފަހުން އެގައުމަށް އަރާ މީހުންނަކީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ލާޒިމު ބައެއް ކަމުގައި ކަނޑައަޅާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަމީރު ޔޮއަކީމްވަނީ 2 އިވެންޓެއްގައި ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް އެކަމާ ބެހޭ މާ ބޮޑު ތަފްސީލުތަކެއް އަދި ނުލިބެއެވެ.

އަމީރު ޔޮއަކީމް މިވަގުތު ހުންނެވީ އައިސޮލޭޝަންގައެވެ. އަދި އޭނާގެ ހަށިކޮޅުން ބަލީގެ އަލާމާތްތައް ފެންނަމުންދަނީ ވަރަށް ކުޑަކޮށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.