ފުލުހުންގެ ތަރުޖަމާންގެ މަގާމުގައި ހުންނެވި ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މިއަދު ފުލުހުންގެ ތަރުޖަމާންގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް އެ މަގާމު ހަވާލު ކޮށްފައި ވަނީ ޗީޕް ޗްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު އާއެވެ.

ފުލުހުން ބުނީ، މީގެ ފަހުން މީޑިއާ ސެންޓަރުގައި މީޑިއާ ރިރޭޝަންސް އޮފިސަރަކަށް ހުންނަވާނީ ޗީފް ސްޓޭޝަން އިންސްޕެކްޓާ އާތިފާ ހަސަން ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން ކަމުން އިޒްމިއާ ދުރުކުރި އިރު އޭނާ ވަނީ އަހަރުގެ ފުރަތަމަ ފަސްމަސް ދުވަހު ޕޮލިސް މީޑިއާ އިން ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބުތަކެއް ހިއްސާ ކުރައްވާފައެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދުގެ ނިޔަލަށް ނޫސްވެރިންގެ 30 ބައްދަލުވުން ބެއްވި ކަމަށާއި 32 ނޫސްބަޔާނެއް ނެރެފައި ވާކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ފުލުހުންގެ ސޯޝަލް މީޑިއާ ޕްލެޓުފޯމުތައް ފޮލޯ ކުރާ ފަރާތްތައްވެސް ބޮޑުތަނުން އިތުރުވި ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދުގެ ނިޔަލަށް އެކި މީޑިއާތަކަށް 206 އިންޓަވިއުއެއް ފުލުހުން ވަނީ ދީފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އާއްމުންނާއި މީޑިއާތަކަށް 2854 މައުލޫމާތު ފުލުހުންގެ މީޑިއާ ޓީމުން ވަނީ ހިއްސާ ކޮށްފައެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަދުގެ ނިޔަލަށް 1002 މައުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވަނީ ހިއްސާކޮށްފައެވެ.

މި މަސައްކަތް ކުރުމުގައި ހަރަކާތްތެރިވާ ޕޮލިސް މީޑިއާ ޓީމަށް އިޒްމިއާ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

އިޒްމިއާ މީޑިއާ ހެޑް ކަމުން ދުރުކުރީ ކީއްވެކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް ބުނެފައި ވަނީ ފުލުހުންނާއި މީޑިއާ ތަކަ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރަން އިޒްމިއާ މަސައްކަތް ކުރެއްވި ކަމަށެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މައުލޫމާތު ހޯދަން މީޑިއާ އޮފިޝަލުންނަށް ދުވަހުން ދުވަހަށް ގުޅޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީޑިއާ ހެޑް ކަމުން އިޒްމިއާ ދުރުކުރި އިރު، މިފަހަކަށް އައިސް މީޑިއާ ތަކުން ކުރާ ސުވާލުތަކަށް އިޒްމިއާ އާއި ފުލުހުން ޖަވާބު ނުދެއްވާ، ފުލުހުން ހާމަ ކުރަން ބޭނުންވާ މައުލޫމާތެއް ހާމަ ކުރަމުން ގެންދިޔަ ކަން ވަނީ ފާހަގަ ކުރެވިފައެވެ.