ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދުރުން ކުރިއަށް ގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ސުޕްރީމް ކޯޓުގެ ޝަރީޢަތެއް ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބާއްވައިފިއެވެ.
ސުޕްރީމް ކޯޓުން ބުނީ އެ ޝަރީއަތް ބާއްވާފައި ވަނީ މިއަދު މެންދުރު ފަހު 1:00ގައި ކަމަށެވެ.
އެ ޝަރީއަތަކީ ސުޕްރީމް ކޯޓުގެ ނަންބަރު2014/SC-A/26 ގަޒިއްޔާއަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދައުވާކޮށް ބ. ތުޅާދޫ ގުލްބަހާރުގެ އަދުނާން ހުސައިންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެ ކޯޓުން ބުނެއެވެ.
އެ މައްސަލައިގެ ބެންޗްގައި ހިމެނި ވަޑައިގެންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.
މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކަމަށާއި އެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންނާއި، ދައުވާކުރާފަރާތާއި އެ ފަރާތުގެ ވަކީލު އަދި ދައުވާލިބޭ ފަރާތާއި ކޯޓުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވީ އެ ފަރާތެއް ގާއިމްވެހުރި ތަނުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށްވެސް ސުޕްރީމް ކޯޓުން ބުނެއެވެ.
ސުޕްރީމް ކޯޓުގެ ޝަރީއިތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ ގަވާއިދުގެ ދަށުން ބާއްވާ ޝަރީއަތްތައް ލައިވްކުރުމަށް ހަމަޖެހިފައިވީނަމަވެސް، މިއަދު ކުރިއަށް ގެންދެވުނު ޝަރީއަތުގެ މަޖިލީހަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން އާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދަންޖެހޭ ބާވަތުގެ މައްސަލައަކަށްވާތީ މިއަދުގެ ޝަރީއަތް ލައިވްކުރެވިފައެއް ނުވާނެ ކަމަށްވެސް އެ ކޯޓުން ބުނެއެވެ.