ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ނުހިނގާ ކަމުގެ އިޝަރާތެއް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރައްވައިފިއެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ވެސް އަދި ޖަލުތަކުގައިވެސް ނުހަމައިން ކަންކަން ނުހިނގާނެހެން ސިޔާސަތެއް އެކުލަވާލުމަކީ ހޯމް މިނިސްޓަރު ކުރައްވާ ކަމެއް ކަމަށެވެ.
ނަމަވެސް ވަކިވަކި އޮފިސަރުން ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގައި ފިޔަވަޅުއެޅުމަށް ގާނޫނު ނަންބަރު 27/2015 ގައި ބުނާ މިނިވަން މުސްތަގިއްލި އެންއައިސީ ފުރިހަމަ ގޮތުގައި ހިނގަމުން ދިއުމަކީ ލާޒިމް ކަމެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރު އެންއައިސީގެ ވާހަކަ ތިލަ ކުރެއްވީ ކޮންކަމެއް ނުހިނގައިގެން ކަން ހާމަ ކުރައްވާފައެއް ނުވެއެވެ.
އެންއައިސީއަކީ ރާއްޖޭގައި ހިންގަމުންދާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއާތުތައް ކަނޑައަޅާ ކޮމިޝަނެވެ.
އެންއައިސީ އުފައްދާފައި ވަނީ އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި ބާރުތަކާއި މަސްއޫލިއްޔަތު ތަކާއެކުއެވެ. އަދި މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަންގެ މެންބަރުންގެ ޝަރުތުތަކާއި ސުލޫކީ ހަމަތަކާއި، އެ ކޮމިޝަން ހިންގާނެގޮތުގެ އުސޫލުތަކާއި އެ ކޮމިޝަންގެ ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތައް ބަޔާން ކުރުމާއެކު، ކަމާގުޅޭ އެހެން އުސޫލުތައް ބަޔާންކުރުމަށް ގާނޫނެއް ވެސް އެކުލަވާލާފައި ވެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައި ވާއިރު، ފުލުހުންގެ ތެރޭގައި އަދި ޖަލުތަކުގައި ނަހަމައިން ކަން ކުރަމުން އަންނަ ކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.