ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާ މިރޭ މެންދަމު 1:30 ގައި ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

މިރޭ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ، ގާނޫނު ނަންބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމާއި އެ ރިޕޯޓަށް ވޯޓަށް އެހުމަށެވެ.

މީގެއިތުރުން، މިރޭގެ ޖަލްސާގައި ހިމެނެނީ ވޯޓަށް އެހުމަށް ހުރި ކަންކަމަށް ވޯޓަށް އެހުމެވެ. އެގޮތުން "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020،" ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވީޯޑާސް އެހުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އަދި ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ހަވާލުކޮށްފައިވާ މަސައްކަތްތައް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯތަށް އެހުންވެސް ހިމެނެއެވެ.

މި ދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުންނެވެ. އެއާއެކު މިހާރު އިންތިހާބު ކުރެވިފައިވާ ކައުންސިލްތަކުގެ މުއްދަތު އަންނަ އަންގާރަ ދުވަހު ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ 5 ވަނަ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރުއަހުމަދު ހަލީމެވެ.

އައު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން، އިންތިހާބު ވަކި ތަރީހެއް ނެތްގޮތަށް ފަސްކުރަންޖެހި، އަދި ލޯކަލް ކައުންސިލްތަކަށް ދިމާވާނެ ގާނޫނީ ހުސްކަމަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހެއް ވަނީ ގެންނަން ޖެހިފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ގާނޫނު އަސާސީ އިސްލާހު ކުރުމަށް މަޖިލީހުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންއެ އިސްލާހު ފާސްކުރުމާމެދު އެއްބަސްވުމަކަށް ނުދެވުމުން އެ އިސްލާހު ކުރެޥޭ ގިތް ވަނީ ނުވެފައެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ، ދެން މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް ކޮމެޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް މެންބަރުންނަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރަން ނިންމާފައެވެ.