ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފްލޮއިޑް ޖޯޖް މަރާލާފައި ވަނީ ދުރާލާ ރާވައިގެން ކަމަށް، އޭނާގެ އާއިލާގެ ފަރާތުން މުއާމަލާތު ކުރަމުންދާ ވަކީލަކު ތުހުމަތު ކުރައްވައިފިއެވެ.

ސީބީއެސް ނިއުސްއަށް ދެއްވި އިންޓިވިއުއެއްގައި ވަކީލު ބެންޖަމިން ކްރަމްޕް ވިދާޅުވީ ފުލުސް އޮފިސަރު ޑެރެކް ޗޯވިންއާއި ދެކޮލަށް ތާޑް-ޑިގްރީ މާޑާއެއްގެ ގޮތުގައި ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އުފުލާފައިވީ ނަމަވެސް، މިއީ ހަގީގަތުގައި ފަސްޓް-ޑިގްރީ މާޑާ ކޭހެއް ކަމަށެވެ.

ނޭވާ ނުލެވި ހާސްވަމުންދާ ކަމަށް ބުނެ ފްލޮއިޑް ރޮއި އާދޭސް ކުރަމުންދިޔައިރުވެސް، ފްލޮއިޑްގެ ކަރަށް ކުޑަކަކޫ މައްޗަށް، 9 ވަރަކަށް މިނެޓްވަންދެން ޗޯވިން ތެދުވެ ހުރި ކަމަށާ، އެއީ އޭނާ ގަސްތަކާ ލައިގެން ހިންގި އަމަލެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވަކީލު ވިދާޅުވިއެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން މުޅި އެމެރިކާގެ އިތުރުން އުތުރު އެމެރިކާގެ ސަރަހައްދުތަކާ، ވިލާތުގެ ބައެއް ހިސާބުތަކުގައިވެސް މިހާރު ދަނީ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އެމެރިކާގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ، ފުލުހުންނާ އާންމުންގެ ކުރިމަތިލުމަކަށް ގޮސްފައިވާއިވާއިރު ބައެއް ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއުގެ އަމުރަށްވެސް މީހުން ކިޔަމަންތެރި ކުރުވިފައެއް ނުވެއެވެ.

ނިޔަތާއެކު ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގެ ތުހުމަތު ޗޯވިންއަށް އަމާޒުކުރައްވާ ވާހަކަދައްކަވަމުން ފްލޮއިޑްގެ އާއިލާއިން ކަނޑައެޅި ވަކީލު ކްރަމްޕް ވިދާޅުވީ، ފްލޮއިޑްގެ ޚަބަރު ހުސްވެ ހޭނެތިފައި އޮތްއިރުވެސް 3 މިނެޓްއެއްހާއިރު ވަންދެން ޗޯވިން ހުރީ ފްލޮއިޑްގެ ކަރުމައްޗަށް ކުޑަކަކޫ ޖަހައިގެން ކޮޅަށްކަމަށެވެ. އަދި މިއީ ފަސްޓް-ޑިގްރީ މާޑާއަކަށް ނުވެދާނެ އެއްވެސް ގޮތެއް ފަހުމް ނުވާކަމަށްވެސް ކްރަމްޕް ވިދާޅުވިއެވެ.

އިތުރު ތަފްސީލު ހާމަކުރައްވަމުން ކްރަމްޕް ވިދާޅުވީ ސީންގައި ހުރި ފުލުހެއްގެ ބޮޑީކެމެރާއަށް ރެކޯޑްވެފައިވާ އޯޑިއޯއަކުން އެނގޭ ގޮތުގައި ފްލޮއިޑްގެ ވިންދު ހުއްޓިއްޖެކަމަށާ، އޭނާ އެއް ފަރާތަކަށް ފުރޮޅާލުމަށް އެ އޮފިސަރު އިރުޝާދު ދިން ކަމަށެވެ. ނަމަވެސް އޭނާ ހަމަ އެ އޮތް ގޮތުގައި ބާއްވާނީ ކަމަށް، ޖަވާބުގައި ޗޯވިން ބުނިކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

2 ވަނަ ބޮޑު ހަނގުރާމައަށްފަހު މިނެސޯޓާގައި ފުރަތަމަ ފަހަރަށް ނޭޝަނަލް ގާޑުންގެ ސަފުތައް ރުކުރުވާލާފައިވާއިރު އެ ސްޓޭޓްގެ ގަވަރުނަރު ޓިމް ވޯލްޒް ވިދާޅުވީ ފްލޮއިޑްގެ މަރަށް މަގުފަހިކޮށްދިނީ އެ ސްޓޭޓްގައި އުފެދިފައިވާ ނަސްލީ މައްސަލަތައް ކަމަށެވެ. ފްލޮއިޑްއަކީ އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ މީހަކަށްވާއިރު، އެ ނަސްލުގެ މީހުންނާ ދެކޮޅަށް އެމެރިކާގައި ހިންގާ ޖަރީމާތަކަކީ ދިގު މާޒީއެއް އޮތް ކަމެކެވެ. އެމެރިކާގެ ނޭޝަނަލް ގާޑުންނަކީ ދާހިލީ މަސްރަހުގައި ހިނގާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ރުކުރުވާލަން ރިޒާވްގައި އޮންނަ އަސްކަރީ ބާރުގެ ގޮތްޕެކެވެ.