ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެސްޓީއޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ކަން ހާމަވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނޭ ބިދޭސީންގެ ކްލަސްޓާގައި ގިނައީ އެސްޓީއޯގެ މުވައްޒަފުންނެވެ.
ކޮވިޑްއާ ގުޅިގެން ރޭ 12 އިން މިރޭ 6 އާ ހަމައަށް އައި އިރު 101 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު ވަނީ 1773 އަށް އަރާފައި ކަމަށް މިރޭ ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަަޒީޒް ވިދާޅުވިއެވެ. މިއީ ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތަށް ބަލާއިރު 14 ޕަސެންޓްގެ އިތުރުވުމެކެވެ. ވޭތުވެ ދިޔަ ފަސް ދުޗަހުގެ ކޭސްތަކަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ކޭސްތަކަށް މިވަނީ އިތުރުވުމެއް އައިސްފައެވެ.
މިކަމާ ގުޅިގެން ޑރ. އިބްރާހިމް އަފްޒަލް ވާހަކަ ދައްކަވަމުން ވިދާޅުވީ، 101 މީހުން ޕޮޒިޓިވްވެފައި ވީ ނަމަވެސް އޭގެތެރެއިން ގިނަ އަދަދެއްގެ މީހުން ފެނިފައިވަނީ އެއްކްލަސްޓާއެއްގެ ތެރެއިންނެވެ. އެ ގޮތުން 79 މީހުންނަކީ އެއް ކްލަސްޓާއަކުން ފެނިފައިވާ މީހުން ކަަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް މީހުންނާއި އިންޑިއާ މީހުންނާއި ދިވެހިންނެވެ. އެގޮތުން ބަންގްލަދޭޝްގެ 72 މީހުންނާއި އިންޑިއާގެ 21 މީހުން އަދި 8 ދިވެހިން ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑަށް 1773 މީހުން ޕޮޒިޓިވްވެފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބިދޭސީން ކަމަށް ތަފާސް ހިސާބުތަކުން ދައްކަައެވެ. މިހާތަނަށް ބަންގްލަދޭޝްގެ 974 މީހުން ޕޮޒިޓިވްވެފައި ވާއިރު ދިވެހިންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 563 މީހުންނެވެ. އަދި އިންޑިއާ މީހުންގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 186 މީހުންނެވެ.
މީގެ ކުރިން އެސްޓީއޯގެ ކާޑު ގުދަނުގައި މަސައްކަތް ކުރާ ތިން ބިދޭސީންނާއި އެސްޓީއޯގެ މަސައްކަތު މީހަކާއި އެސްޓީއޯގެ ސެކިއުރިޓީ ގާޑެއްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެސްޓީޢޯގެ ކާޑު ގުދަނުގައި މަސައްކަތް ކުރާ ތިން މީޙުން ޕޮސިޓިވްވުމުން އެގުދނަތައް ވަނީ ޑިސް އިންފެކްޓް ކޮށްފައެވެ. ހަމައެއާއެކު އެސްޓީއޯގެ މަސައްކަތު މީހާ މި ބައްޔަށް ޕޮޒިޓިވް ވުމާއެކު އެ ކުންފުނީގެ ތިން ތަނެއް ވަނީ ބަންދުކޮށް ޑިސްއިންފެކްޓް ކުރުމަށް ފަހު އަލުން ހުޅުވާފައެވެ.
އެސްޓީއޯގެ ގުދަންތަކުގައި ދިވެހިންވެސް މަސައްކަތް ކުރެއެވެ. ދިވެހިންނަށް ހިދުމަތްދޭ މި ކުންފުންޏަކީ މަސައްކަތުގެ މާހައުލަށް ދިވެހިންނަށް ފުރުސަތުދޭ ކުންފުންޏެއް ކަން ފާހަގަ ކޮށްލެވެއެވެ.
އެސްޓީއޯއަކީ، ރާއްޖޭގެ އެކި ހިސާބުތަކަށާއި، މާލެ ސަރަހައްދަށް ބޭނުންވާ ގިނަ ބާވަތްތަކާއި، ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ފޯރުކޮށް ކޮށްދޭ ކުންފުންޏެވެ. ކޮރޯނާވައިރަސްގެ މިހާލަތުގައި ފްރަންޓްލައިންގައި އެންމެ ފުޅާ ދާއިރާއެއްގައި މުދަލާއި ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ އެންމެ ބޮޑު އެއް މުއައްސަސާއަކީވެސް އެސްޓީއޯއެވެ.