ކޮވިޑް ކެއާގެ ނަމުގައި ތައްޔާރުކޮށް މިއަދު ލޯންޗުކުރި ސިސްޓަމަކީ، ކެއާގެ ނިޒާމަށް އެޅުނު ހަރުދަނާ ބޮޅެއް ކަމަށް މިނިސްޓާ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މި ސިސްޓަމް ލޯންޗު ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ކޮވިޑް ކެއާ އަކީ ކެއާގެ ނިޒާމަށް އެޅުނު ހަރުދަނާ ބޮޅެއް ކަމަށާއި މީގެ މަންފާ ކޮވިޑަށް ވުރެ މާ ދުރަށް ދެމިގެން ދާނެ ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، އައިޖީއެމްއެޗްގެ ލެބޯޓްރީން ފެށިގެން ގޮސް ޑޮކްޓަރުންގެ ފަރުވާއާ ކްރިޓިކަލް ކެއާ އަދި ސާމްޕަލް ނެގުމުން ފެށިގެން ގޮސް ސާމްޕަލްގެ ރިކޯޑް ބެލެހެއްޓުމާއި، މުޅި ކޮވިޑް އޮޕަރޭޝަނުގައި ކުރެވޭ މަސައްކަތްތަކަކީ ކުރިއަށް އޮތްތަނުގައި އިންސްޓިޓިއުޝަންތައް ރަނގަޅަށް ހަރުދަނާ ވުމަށް އޭގެ ސަބަބުން ފައިދާ ކުރާނެ ކަންތައްތަކަކަށް ވުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި މަސައްކަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން އެމަގަށް ވިސްނުމަކީ މުހިންމު ކަމެއް ކަން ފާހަގަ ކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ، ދަރުބާރުގޭގައި މަސައްކަތް ކުރާ ކޮންމެ މީހަކީ އެމީހެއްގެ ހިއްސާ މިކަމުގައި އެއްވަރަކަށް އޮތް މީހެއް ކަމަށެވެ. އަދި ދަރުބާރުގޭގައި މަސައްކަތް ކުރުމުގައި މިނިސްޓަރުން، ޑިރެކްޓާ ޖެނެރަލުން ނުވަތަ ޓެކްނީޝަނުން ކަހަލަ ތަފާތުތަކެއް ނުގެންގުޅއްވާ ކަމަށާއި، ކޮންމެ މީހަކީ އެއްވަރެއްގެ ހިއްސާއެއް އޮތް މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަމީން ވިދާޅުވީ، އެންމެން ވެސް މަސައްކަތް ކުރަނީ އެމީހަކަށް ހާވަލުކުރެވޭ މަސައްކަތް އަވަހަށް ކޮށް ނިންމުމުގެ ރޫހުގައި ކަމަށެވެ.

ކޮވިޑް ކެއާ ސިސްޓަމް ލޯންޗު ކުރުމުގެ ތެރެއިން / ފޮޓޯ: ހެލްތް މިނިސްޓްރީ

މިނިސްޓަރު އަމީން ވިދާޅުވީ، މިހާރު ކުރާ މަސައްކަތަކީ ގެއްލިގެން ދާނެ މަސައްކަތެއް ނޫން ކަމަށާއި މިއީ ފަހުގެ ތާރީހެއްގައި އެއްވެސް ހާދިސާއެއް، ކާރިސާއެއްގައި ނުކުރާ ވަރުގެ ދިގު ދެމިގެންދާ ބުރަ މަސައްކަތެއް ކަމަށެވެ. އަދި މިވަރު ބޮޑު ކަމެއްދާއިރު، ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންތައް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ގައުމުތަކުން ކުރާ މަސައްކަތްތަކަށް އަޅާބަަލާއިރު ރާއްޖެއިން މިކުރާ މަސައްކަތަކީ އާދަޔާ ހިލާފު މަސައްކަތެއް ކަމަށް އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މަސައްކަތް މިހާ ހިސާބަށް ގެނައުމުގައި ރަނގަޅު ނަތީޖާތަކެއް ވެސް ފެނިފައިވާ ކަމަށެވެ. އެގޮތުން، މާލޭގެ މީހުންގެ ދިރިއުޅުން ހުންނަ ގޮތަށް ބަލާނަމަ، މިހާ ބޮޑު މަސައްކަތެއް ނުކުރެވުނު ނަމަ އެތައް ބަޔަކު މަރުވެގެން ދިއުމަކީ ދުރުކަމެއް ނޫން ކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ، އެ މަސައްކަތުގެ ނަތީޖާއަކީ ސަލާމަތް ކުރެވުނު ފުރާނަތައް ކަމަށެވެ.

ކޮވިޑް ކެއާ ސިސްޓަމް ލޯންޗު ކުރުމުގެ ތެރެއިން އައިޖީއެމްއެޗްގެ ސީއީއޯ / ފޮޓޯ: ހެލްތް މިނިސްޓްރީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ވިދާޅުވީ، ކޮވިޑް ކެއާ އަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އައިޖީއެމްއެޗްގެ އައިޓީ ހެޑް އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތްތަކާ އެކު ތައްޔާރުކޮށް ލޯންޗު ކުރާ ސިސްޓަމެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، މީގެ ފައިދާއަކީ، މިނިސްޓަރު ވިދާޅުވިހެން ފަހަށް ރައްކާކުރެވޭނެ މައުލޫމާތުތައް ބޭނުން ކުރެވިގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.