އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ކުލި ފަސްކުރުމަށާއި ކުލީ ބިންތަކުގެ އެއްބަސްވުންތަކުގައި އަމަލުކުރުމަށް ހުރި ކަންކަން ފަސްކޮށް ދިނުމަށް އެ ކައުންސިލުން ނިންމައިފިއެވެ.
އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސިޓީން އެކި އެކި ފަރާތްތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކަށް 6 މަސް ދުވަހަށް ކުލި ފަސްކޮށްދިނުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި މި މުއްދަތުގައި ކުލީ ބިންތަކުގެ އެއްބަސްވުމުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ ކަންތައްތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މާއްދާތަކަށް އަމަލުކުރުން ފަސްކުރުމަށް ވެސް ކައުންސިލުން ނިންމާފައިވާ ކަމަށް އެ އިއުލާނުގައި ވެއެވެ.
އެ ކައުންސިލުން ވަނީ، ކުލި ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކާއި، ކުލީ ބިންތަކުގެ އެއްބަސްވުންތަކުގައި އަމަލުކުރުމަށް ހުރި ކަންކަން ކަންތައްތައް ފަސްކޮށްދިނުމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ޖޫން މަހު 30 ވަނަ ދުވަހުގެ ކުރިން މެއިލްގެ ޒަރިއްޔާއިން ހުށަހެޅުމަށް އެދިފައެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުންތައް ހުށަހަޅަންވާނީ ސިޓީއަކާއި ކުލީބިމުގެ އެއްބަސްވުމުގެ ކޮޕީއަކާއި އެކު އެ ކައުންސިލްގެ މެއިލް އަށެވެ.
އައްޑޫ ސިޓީ ކައުންސިލުން ބިމު ކުލި ފަސްކޮށްދިނުމަށް ނިންމާފައިވާއިރު، ރިސޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފައެވެ. އަދި ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެ ވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށާއި، ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.