ކަސްޓަމްސް އާއި އެމްޕީއެލް އިން ހިދުމަތްދޭ ވަގުތު އިތުރު ކޮށްފިއެވެ.

ކަސްޓަމް އާއި އެމްޕީއެލުން ގުޅިގެން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މާދަމައިން ފެށިގެން އެމްޕީއެލްގެ މުވައްޒަފުން މަސައްކަތް ކުރާނީ ހެނދުނު 7:30 އިން ރޭގަނޑު 11:00 އަށް، ދެ ޝިފްޓަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް މުދާ ކްލިޔާ ކުރުމުގެ ހިދުމަތް ދޭން ނިންމާފައިވާއިރު، މާލެ ކޮމަޝަލް ހާބަރު އަދި ހުޅުމާލޭ ޓާމިނަލްގެ ހިދުމަތް މި ވަގުތުތަކުގައި ދޭނެ ކަަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މުވައްޒަފުން އޮފީހުގައި ލޮކްޑައުންވެގެން ހިދުމަތް ދިންނަމަވެސް ލޮކްޑައުންއަށް ލުއި ދިނުމުން މާދަމައިން ފެށިގެން މުވައްޒަފުން މަސައްކަތްކުރާނީ ދެ ޝިފްޓަކަށް ބަހާލައިގެން، ގެއަށް ގޮސް އައިސް ހަދައިގެން ކަމަށެވެ. ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ހުރިހާ ޕޭމެންޓުތައް އޮންލައިން ކޮށްފައިވާނެ ކަމަށާއި މުދާ ބަލައި އަންނަ ގްރޫޕުތައް ފިޔަވައި އެހެން ކަމެއްގައި ޑޮކިޔުމެންޓް އެކްސްޗޭންޖު ކުރުމަށް ފިޒިކަލީ ދާން ނުޖެހޭނެ ކަމަށެވެ.

ލޮކްޑައުންގެ ސަބަބުން ގިނަ އަދަދެއްގެ ކޮންޓެއިނާ ކްލިޔާ ނުކޮށް ހުރިއިރު، ލޮކްޑައުން އަށް ލުއި ދިނުމުން، އަންނަ މަހު 11 ވަނަ ދުވަހުން ފެށިގެން މާލެ ވިޔަފާރި ބަނދަރާއި ހުޅުމާލޭ ބަނދަރުގައި ކްލިއާ ނުކޮށް ހުރި މުދަލުން ޑެމެރޭޖު ފީ ނަގަން ފަށާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް، އަބްދުﷲ ޝަރީފް ވިދާޅުވީ ނިއު ނޯމަލް އާއެކު ކަސްޓަމްސްގެ މަސައްކަތް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ހިދުމަތްދޭ ވަގުތުތައް އިތުރުކޮށްފައިވާއިރު، ދެން ސީ ކާގޯ އެގްޒެމިނޭޝަންގެ މަސައްކަތް ކުރާނީ ހެނދުނު 8:00 އިން ރޭގަނޑު 9:30 އަށް ކަމަށާއި އެއާ ކާގޯގެ މަަސައްކަތްވެސް ކުރާނީ މި ވަގުތުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިމަހު 29 ވަނަ ދުވަހުން އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑޮކިޔުމެންޓޭޝަން ނިންމުމުގެ މަސައްކަތް އޮންލައިން ކޮށް ދިނުމަށް ނިންމާފައިވާއިރު. 18 ސެކްޝަނެއްގެ މަސައްކަތް ކުރުމަށް މަދު އަދަދެއްގެ މުވައްޒަފުން އޮފީހަށް ނިކުމެ ހިދުމަތް ދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ހާބާ މެނޭޖުމެންޓް ސެކްޝަނުގެ މަސައްކަތްވެސް ކްލިޔަރެންސް ދޭން ޖެހިއްޖެ ހާލަތެއްގައި މަސައްކަތް ކުރާނެ ކަމަށާއި އެހެން ސެކްޝަންތަކުންވެސް ނީޑް ބޭސިސްގައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މިދުވަސްވަރު އެންމެ ބޮޑު އިސްކަމެއް ދެނީ ޒަރޫރީ ބޭނުންތަކަށް ރާއްޖެ އެތެރެކުރެވޭ ތަކެތީގެ ޑޮކިޔުމެންޓޭޝަން ނިންމާ ވީހާވެސް އަވަހަކަށް ކްލިޔާ ކޮށްގެން ގެންދިޔުމަށް ކަމަށެވެ. އަދި ގަޑިތައް މިހެން ކަނޑައެޅި ނަމަވެސް ގަޑިތައް ނިމޭފަހުންވެސް، ކޮންމެހެން ކްލިޔާ ކުރަންޖެހޭ ޝިޕްމެންޓުތައް ކްލިޔާ ކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކްލިޔާ ކުރަންޖެހޭ ކޮންމެ އެއްޗެސްވެސް ވީހާވެސް އަވަހަކަށް ކްލިޔާ ކޮށްދޭނެ ކަމަށެވެ.