މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ހިދުމަތް ދެމުންގެންދާ ތިން ރަށެއްގެ ހިދުމަތް އާންމު ހާލަތަށް ގެނެސްފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އިއުލާން ކުރި ލޮކްޑައުންއާ ގުޅިގެން ގްރޭޓް މާލެ ރީޖަންގެ އިތުރުން އެމްޑަބްލިއުއެސްސީން ވެސް ވަނީ އެ ކުންފުނިން ހިދުމަތް ދެމުންގެންދާ ރަށްރަށުގައި ބައެއް ހިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރި ލުއިތަކާއެކު އެ ކުންފުނިން ދެމުންގެންދާ ހުރިހާ ހިދުމަތްތައް ތިން ރަށަކަށް ކުރިއެކޭ ވެސް އެއްފަދައިން ލިބެމުން ގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެގޮތުން އަލުން ހިދުމަތްތައް ދިނުމަށް ދިންމާފައިވާ ރަށްތަކުގެ ތެރޭގައި ކ.މާފުށި، ރ.ދުވާފަރު އަދި ހދ.ކުޅުދުއްފުށި ހިމެނެއެވެ. މި ރަށްތަކަށް އަލުން ހިދުމަތް ދޭން ފަށާނީ މިއަދު ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެ ކުންފުނިން ބުނީ މި ހިދުމަތްތައް ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަންދެން މެދުނުކެނޑި ލިބެމުން ގެންދާނެ ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ ގްރޭޓާ މާލެ ރީޖަންގައި އާންމު އުސޫލުން ހިދުމަތްތައް ފޯރުކޮށްދޭން ފެށުމުން، އެކަން ވެސް އާންމުކޮށް އިއުލާން ކުރާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ 24 ގަޑިއިރު ގުޅޭ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓަލައިން، 105 އިން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނި، މާލެ ސަރަހައްދު ލޮކްޑައުން ކުރީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހެވެ. ލޮކްޑައުންއަށް 6 ހަފްތާފަހުން، ނިއު ނޯމަލްގައި މާލެ ސަރަހައްދަށް ލުއި ތަކެއް ދިނުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.