ށ. ނަރުދޫ އަމާޒު ބޯޓު ކޭސް އިން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެ ރަށަށް ގެންގޮސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ނަރުދޫ ކޮވިޑް ޓާސްކްފޯސްގެ މެންބަރަކު ވިދާޅުވީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި 11 މީހުން މިހާރު ރަނގަޅު ވެފައިވާ ކަމަށެވެ. އަދި އެ އެންމެންވެސް މިހާރު ރަށަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިލަންދޫ މީހާވެސް ކޮވިޑުން ރަނގަޅުވެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ކަށަވަރު ކޮށްދީފައެވެ.

35 ދުވަހަަށް ފަހު ރޭ ވަނީ ނަރުދޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަން ސަރުކާރުން އިއުލާން ކޮށްފައެވެ. މާލެ ސަރަހައްދު ނޫން އެހެން ރަށަކުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ ނަރުދޫ އިންނެވެ. އެގޮތުން އެރަށުގެ އަމާޒު ބޯޓުގެ ކައްޕި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހެވެ. އޭނާ ޕޮޒިޓިވް ވުމާއެކު ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެރަށު އިތުރު 10 މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އެ އަތޮޅު މިލަންދޫ މީހެކެވެ.

ރާއްޖެއިން ކޮވިޑަ ޖެހި ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 406 އަށް އަރާފައެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1672 އަށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1266 އަށް ތިރިވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ހާލަތު މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.