ރާއްޖެއިން ކޮވިޑް ޖެހުނު އިތުރު ފަސް މީހަކު ރަނގަޅުވެ، ޖުމްލަ އަދަދު 406 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޭޝްބޯޑުން ބުނާ ގޮތުން މިހާރު ރާއްޖޭގައި ކޮވިޑަ ޖެހި ރަނގަޅު ވެފައިވާ މީހުންގެ އަދަދު ވަނީ ޖުމްލަ 406 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އިއްޔެ 159 މީހަކު ވަނީ ރަނގަޅު ވެފައެވެ.

ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1672 އަށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1266 އަށް ތިރިވެފައެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ ކުޑަ ކުއްޖަކީ 11 ދުވަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ކޭސް ނަންބަރަކީ 1464 އެވެ. އަދި އެންމެ އުމުރުން ދުވަސްވީ މީހަކީ 92 އަހަރުގެ އަންހެނެކެވެ. އޭނާގެ ކޭސް ނަންބަރަކީ 1547 އެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ހާލަތު މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް ލޮކްޑައުން އަށް ލުއިތަކެއް ވަނީ ދީފައެވެ. ކުރިއަށް އޮތްތާވެސް ފިޔަވަހި ތަކަކަށް ބަހާލައިގެން އިތުރު ލުއި ތަކެއް ދިނުމަށް ނިންމާފައި ވާ އިރު ލޮކްޑައުންގެ މުއްދަތު ޖޫން 29 ގެ ނިޔަލަށް އިތުރު ކޮށްފައެވެ.