ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން އިއްޔެ އެކަނިވެސް މާލެ ސިޓީން 208 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ޖޫރިމަނާކުރި 208 މީހުންގެ ތެރެއިން 195 މީހަކު ޖޫރިމަނާ ކުރީ މާލެއިން ކަމަށެވެ. އަދި ބާކީ 11 މީހުން ޖޫރިމަނާ ކޮށްފައި ވަނީ ހުޅުމާލެއިން ކަމަށާއި 2 މީހަކު ވިލިމާލެއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 6293 މީހަކު ލޮކްޑައުން އަމުރާ ހިލާފުވެގެން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ފުލުހުން ބުނީ ލޮކްޑައުން އަމުރާ ހިލާފުވެގެން އިއްޔެވެސް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެއިން 10 މީހަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. މިހާތަނަށް ލޮކްޑައުން އަމުރާ ހިލާފުވެގެން 355 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ތެރެއިން މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީއަށް ޖޫރިމަނާ ފައިސާ ދައްކަނީ މަދު ބައެއް ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލާފައިވާ ކަމަށާއި އެހެންނަމަވެސް އެމީހުންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ބުނެފައެވެ.