ތިން ގައުމެއްގައި ތިބި 103 ދިވެހިންނާ އެކު މިއަދު ހެނދުނު ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް ވަނީ ރާއްޖެ އައިސްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ފްލައިޓްގައި ރާއްޖެ އައީ ބެލަރޫސް އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވި ފަރާތްތަކާއި، ސްރީލަންކާގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ފަރާތްތައް ކަމަށެވެ.

ލަންކާއިން ހަމައެކަނި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ގެނެސްފައިވަނީ ފްލައިޓްގައި ސީޓް ލިބެން ހުރީ ވަރަށް ލިމިޓެޑް ކޮށް ކަމަށް ވާތީ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މިއަދު ރާއްޖެ އައިސްފައި ވަނީ ބެލަރޫސްއިން 48 ދިވެހިންނާއި ޔޫކޭއިން 23 ދިވެހިންނާއި ލަންކާއިން 32 ދިވެހިންނެވެ.

އެ ފަރާތްތައް މިހާރު ތިބީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ކަމަށާއި ހެނދުނު 11 ޖަހާއިރު ކަރަންޓީން ފެސިލިޓީތަކަށް ގެންދެވޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އެ ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓް ނަގާނީ އަމިއްލަ ހަރަދުގައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.