ށ. ނަރުދޫން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ހަ މީހަކު ރަނގަޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ނަރުދޫ ކޮވިޑް ޓާސްކްފޯސްގެ މެންބަރަކު ވިދާޅުވީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި 11 މީހުންގެ ތެރެއިން 6 މީހަކު މިހާރު ރަނގަޅު ވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 5 މީހަކު މިހާރު ރަށަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

35 ދުވަހަަށް ފަހު ރޭ ވަނީ ނަރުދޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަން ސަރުކާރުން އިއުލާން ކޮށްފައެވެ. މާލެ ސަރަހައްދު ނޫން އެހެން ރަށަކުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ ނަރުދޫ އިންނެވެ. އެގޮތުން އެރަށުގެ އަމާޒު ބޯޓުގެ ކައްޕި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހެވެ. އޭނާ ޕޮޒިޓިވް ވުމާއެކު ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެރަށު އިތުރު 10 މީހަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އެ އަތޮޅު މިލަންދޫ މީހަކުވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން ކޮވިޑަ ޖެހި ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 410 އަށް އަރާފައެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1672 އަށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1266 އަށް ތިރިވެފައެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ހާލަތު މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް ލޮކްޑައުން އަށް ލުއިތަކެއް ވަނީ ދީފައެވެ. ކުރިއަށް އޮތްތާވެސް ފިޔަވަހި ތަކަކަށް ބަހާލައިގެން އިތުރު ލުއި ތަކެއް ދިނުމަށް ނިންމާފައި ވާ އިރު ލޮކްޑައުންގެ މުއްދަތު ޖޫން 29 ގެ ނިޔަލަށް އިތުރު ކޮށްފައެވެ.