އެމެރިކާގެ މިނިއަޕޮލިސްގެ ފިހާރައަކަށް ވަގު ނޫޓެއް ވިއްކާލަން އުޅުނު މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖޯޖް ފްލޮއިޑްގެ ގައި މަތީގައި 3 ފުލުހަކު ކުޑަކޫ ޖަހައިގެން ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ކުޑަވަގުތު ކޮޅެއް ފަހުން ފްލޮއިޑް ވަނީ މަރުވެފައެވެ. ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވުމުގެ ކުރިން ފްލޮއިޑް ބިންމަތީގައި އޮވެއެވެ. އޭރު ފުލުސް އޮފިސަރެއް އޭނާގެ ކަރު މަތީގައި ކުޑަކޫ ޖަހައިގެން އިނދެއެވެ. މިމައްސަލާގައި އެމެރިކާގެ އެކި ހިސާބުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ފަށާ، ކާފިއުގެ އަމުރު އިއުލާންކޮށްފައި ވަނިކޮށް އާ ވީޑިއޯއެއް މިވަނީ ލީކުކޮށްލާފައެވެ. ދެވަނައަށް ލީކުކޮށްލި ވީޑިއޯއަކީ ތަފާތު މިސްރާބަކުން ނަގާފައިވާ މަންޒަރުތަކަކަށް ވާއިރު، މި ވީޑިއޯއިން ފެންނަ ގޮތުގައި ޖުމުލަ 3 އޮފިސަރެއް ފްލޮއިޑްގެ ގައިމަތީގައި ކުޑަކަކޫ ޖަހައިގެން ތިބޭ މަންޒަރު ފެނެއެވެ.

ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން/ފޮޓޯ: އޭޕީ

ފްލޮއިޑްގެ މަރާ ގުޅިގެން އޮފިސަރުންތަކަކާ ފިޔަވަޅު އަޅާފައިވާއިރު، މަރުގެ ދައުވާ އުފުލާފައިވަނީ ފުރަތަމަ ވީޑިއޯއިން ފެންނަ ޑެރެކް ޗޯވިންއާއި ދެކޮޅަށެވެ. ނަމަވެސް ބާކީ ތިބި އޮފިސަރުންނާ ދެކޮޅަށްވެސް ދައުވާ އުފުލޭނެކަމަށް ޕްރޮސެކިއުޓަރު ވަނީ ހާމަކުރައްވާފައެވެ.

މިނިއަޕޮލިސްގެ ފުލުހުން ދަނީ އެމީހުންގެ އަމަލުތައް ދިފާއުކުރަމުންނެވެ. އެގޮތުން ހައްޔަރު ކުރަން އުޅުމުން ފްލޮއިޑްގެ ގަދަހަދާ، ދެކޮޅު ހަދަމުންދިޔަ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ ސަރަހައްދުގެ ސީސީޓީވީ ކެމެރާތަކާ، އާންމުންގެ ކެމެރާތަކަށް އަރާފައިވާ މަންޒަރުތަކަށް ބަލާއިރު ފުލުހުންގެ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ބުނެވެއެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން ހަދާފައިވާ އިބްތިދާއީ އޮޓޮޕްސީ ރިޕޯޓްވެސް ފަރުމާކޮށްފައިވަނީ ފުލުހުންނަށް ބުރަވާ ގޮތަށެވެ. އެގޮތުން އޭނާ މަރުވެފައިވަނީ ހަމައެކަނި ފުލުހުންގެ އަމަލުތަކުން ނޫންކަން ދޭހަވާފަދަ ބަސްމަގެއް މި ރިޕޯޓްގައި ބޭނުންކޮށްފައިވާކަން ފާހަގަކުރަންޖެހެއެވެ.