އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލާގައި އެ ގައުމުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ބައެއް ސަރަހައްދުތަކުގައި ކާފިއުގެ އިއުލާންކޮށްފިއެވެ.

ފްލޮއިޑްގެ މަރުގެ މައްސަލާގައި މުޒާހަރާތައް ހޫނުވަމުންދާއިރު، އިއްޔެގެ ވަގުތެއްގައި 21 އަހަރުގެ ޒުވާނެއްގެ ގަޔަށް ބަޑިޖަހާ މަރާލާފައިވާ ކަމަށް ޚަބަރު ލިބެއެވެ. މިއީ 19 އަހަރުގެ ކުއްޖެއް ކަމަށް ކުރިން އޮތީ ޚަބަރު ފެތުރިފައެވެ. ނަމަވެސް މި ޒުވާނާއަކީ މުޒާހަރާގެ ބައިވެރިއެއް ކަމެއް ނުވަތަ ނޫންކަން، ފުލުހުންނަށްވެސް އަދި ކަށަވަރުކޮށެއް ނުދެވެއެވެ.

ފްލޮއިޑްގެ މަރާ ގުޅިގެން 5 ވަނަ ދުވަހަކަށް މުޒާހަރާތައް ދިގުލާ ގޮސްފައިވާއިރު އެންމެ ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ދަނީ ހާދިސާ ހިނގާ ދިޔަ މިނިއާޕޮލިސްއާއި ސެއިންޓް ޕޯލް ސަރަހައްދުގައެވެ. މި ސަރަހައްދުތަކާއި އަދިވެސް އިތުރު ސަރަހައްދުތަކަކުން ގިނަ އަދަދެއްގެ ބަޔަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށްވެސް ވަނީ ގެންގޮސްފައެވެ.

ނުރައްކާ ދަރަޖައަކަށް ހޫނުވެފައިވާ މުޒާހަރާތަކާ، މުޒާހަރާގެ ބައިވެރިންނާ ފުލުހުންގެ ކުރިމަތިލުންތަކާއެކު އެމެރިކާގެ 25 ސަރަހައްދެއްގައި މިހާރުވަނީ ކާފިއު އިއުލާންކޮށްފައެވެ. މީގެ ތެރޭގައި މުޒާހަރާގެ މައިދާން ކަމަށްވާ މިނިއާޕޮލިސް، ފިލަޑެލްފިއާ އަދި ލޮސް އެންޖަލީސްވެސް ހިމެނެއެވެ.

މިނެސޯޓާގެ ގަވަރުނަރު މިހާރު ވަނީ އެމެރިކާގެ ނޭޝަނަލް ގާޑުންގެ ސަފުތައް އޭގެ އެންމެ ފުރިހަމަ ބާރުގައި ރުކުރުވާލާފައެވެ. މިއާއެކު އެމެރިކާގެ ދިފާއީ ވުޒާރާއިންވަނީ، މިނިއަޕޮލިސްގައި ހަރަކާތްތެރިވާ އަސްކަރީ ފުލުހުން އެލާޓަށް ގެނެސްފައެވެ. އެގޮތުން އޯޑަރު ލިބޭތާ އެންމެ ލަސްވެގެން 30 މިނެޓްގެ ތެރޭގައި ރަސްމީ ބޭސްތަކަށް ހާޒިރުވުމަށް މިލިޓަރީ ފުލުހުންނަށް ވަނީ އަންގާފައެވެ. މިއީ އެމެރިކާގެ އަސްކަރީ އެލާޓް ލެވަލް ތަކަށް ބަލާއިރު އެންމެ މަތީ ދަރަޖައިގެ އެލާޓްއެކެވެ. 6 ސްޓޭޓަކުން ނޭޝަނަލް ގާޑުން ރުކުރުވާ، ނުވަތަ ނޭޝަނަލް ގާޑުންގެ އެހީތެރިކަމަށް އެދިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް ބަލާއިރު ނިއުޔޯކް ސިޓީގައި ކުރަމުންދިޔަ މުޒާހަރާތަކެއްގެ ތެރެއަށް ފުލުހުންގެ ވެހިކަލެއް ސްޕީޑްގައި އައިސް ވަންނަ މަންޒަރެއް ސޯޝަލް މީޑިއާގައި ދަނީ ވައިރަލް ވަމުންނެވެ. އަދި އާންމުންނާ ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިންގާތީވެސް މި ވީޑިއޯގައި ފެނެއެވެ. ފުލުހުންގެ ވެހިކަލްގައި މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލާފައިވާއިރު، ވެހިކަލްއިން ޖެހި، މުޒާހަރާގެ ބައެއް ބައިވެރިން ބިންމައްޗަށް ވެއްޓޭ މަންޒަރުވެސް މި ވީޑިއޯގައި ފެނެއެވެ.

މުޒާހަރާތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ. ހުކުރު ދުވަހުގެ ރެއިން ފެށިގެން ހައްޔަރު ކުރި މީހުންގެ އަދަދު 700 އަށްވުރެ މައްޗަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ހައްޔަރު ކުރި މީހުންނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ދައުރުވަމުންދާކަމަށް މިނެސޯޓާގެ މޭޔަރު މެލްވިން ކާޓާ ވަނީ ފާހަގަކުރައްވާފައެވެ.