ކޮވިޑުން 159 މީހަކު ރަނގަޅުވެ 39 މީހަކަށް ކޮވިޑް ޖެހިއްޖެ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 159 މީހަކު ރަނގަޅު ވުމާއެކު ޖުމްލަ އަދަދު ވަނީ 410 އަށް އަރާފައެވެ.
އަދި މިއާއެކު މިއަދު މުޅިން އަލަށް 39 މީހަކު ޕޮޒިޓިވް ވުމާއެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 1672 އަށް އަރާފައެވެ. އަދި މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1266 އަށް ތިރިވެފައެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ ކުޑަ ކުއްޖަކީ 11 ދުވަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ކޭސް ނަންބަރަކީ 1464 އެވެ. އަދި އެންމެ އުމުރުން ދުވަސްވީ މީހަކީ 92 އަހަރުގެ އަންހެނެކެވެ. އޭނާގެ ކޭސް ނަންބަރަކީ 1547 އެވެ.
ރާއްޖެއިން ކޮވިޑް-19 ގެ ހާލަތު މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް ލޮކްޑައުން އަށް ލުއިތަކެއް ވަނީ ދީފައެވެ. ކުރިއަށް އޮތްތާވެސް ފިޔަވަހި ތަކަކަށް ބަހާލައިގެން އިތުރު ލުއި ތަކެއް ދިނުމަށް ނިންމާފައި ވާ އިރު ލޮކްޑައުންގެ މުއްދަތު ޖޫން 29 ގެ ނިޔަލަށް އިތުރު ކޮށްފައެވެ.