ގާނޫނުއަސާސީއަށް 5 ވަނަ އިސްލާހު ގެނައުމުގެ ބިލް ފާސްވުން ލަސް ކުރުމުގެ ޒިންމާ އިދިކޮޅު މެންބަރުންގެ ބޮލުގައި އެޅުވުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ފާޑުވިދާޅުވެއްޖެއެވެ.
ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ މާޗް 31 ވަނަ ދުވަހު ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ހަލީމް މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ މަސައްކަތް އެމްޑީޕީގެ 65 މެންބަރުން ތިބެމެ ނިމިފައި ނުވާ ކަމަށެވެ. އަދި މި މަސައްކަތް ނުނިމި ދެ މަސްވެ، ކައުންސިލް ދައުރު ހަމަވާން ކުޑަތަންވީމައި އެކަން މަޖިލީހުގައި ތިއްބެވި އިދިކޮޅުގެ 9 މެންބަރުންގެ ބޮލުގައި އެޅުވުމަށް ވުރެ ޒިންމާދާރު ކަން ކުޑަކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މިއީ ހައްތަހާވެސް އެމްޑީޕީ މެންބަރުންގެ ނާގާބިލުކަން ކަމަށެވެ.
ޝިޔާމް މިހެން ވިދާޅުވެފައި ވާއިރު، ކޮވިޑް-19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް އަވަސް ކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެއްބަސްވެ ވަޑައެއް ނުގަންނަވައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މަސައްކަތް އަވަސް ކުރަން މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމްއާ އެތައް ފަހަރެއް މަތިން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް އަވަސް ކުރަން އެއްބަސްވެވަޑައިގެންފައި ނުވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮމިޓީގެ ރިޕޯޓެއްގެ ބަހުސް ފެށޭނީ އެ ރިޕޯޓެއް ފާސްކޮށް މެންބަރުންނަށް ރިޕޯޓު ފޮނުވާތާ ތިން ދުވަސް ފަހުންނެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވެވަޑައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެއެވެ.
އެހެންކަމުން ގަވާއިދުގައިވާ ގޮތުގެ މަތިން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ދެން ކުރިއަށް ދާނީ އަންނަ ހޯމަ ދުވަހުގެރެއެވެ.