އޮޅުވާލައިގެން މާލެ ގެނެސް 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، އެ ކުއްޖާ މާލެ އައިސްފައި ވަނީ ގަވާއިދާ އެއްގޮތަށް ނަގަންޖެހޭ ހުއްދަތައް ނެގުމަށް ފަހު ކަމަށް ފުލުހުން ބުނެފިއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް، 16 އަހަރުގެ ކުއްޖަކު ބްލެކްމެއިލްކޮށް، އާއިލާއާ ވަކިން މާލެ ގެނެސް ރޭޕް ކުރި ހަބަރާއެކު ގިނަ ފަރާތްތަކަކުން ދަނީ އެ ކުއްޖާއަށް މާލެ އާދެވުނީ ކިހިނެތްތޯ ސުވާލު އުފައްދަމުންނެވެ. އެގޮތުން، ގަވާއިދާ އެއްގޮތަށް ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު، ރަށްރަށުގައި ތިބި ފަރާތްތަކަށް ވެސް މާލެ އާދެވެއެވެ. އެ ކުއްޖާ ވެސް މާލެ އައިސްފައި ވަނީ އެގޮތަށް ކަމަށް ފުލުހުން ބުނެއެވެ.

އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މިމަހު 28 ވަނަ ދުވަހުގެ ފަތިހު 05:37 ހާއިރެވެ.

މި މައްސަލަ ހުށަހެޅުމާއި އެކު މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ. އަދި މި ކުއްޖާ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރު ކަމަށާއި އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މި މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އުމުރުން 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން މި އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައި ވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއްކައިރިއަށް ކުއްޖާ އެކަނި ކަމަށް ފުލުހުން ބުނެއެވެ. އަދި މި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށް ފުލުހން ބުނެއެވެ.