ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް މާދަމާ ހުޅުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

މާދަމާ ސަރުކާރު ހުޅުވުމަށް ނިންމާފައި ވަނީ، ދެ ހަފްތާގެ މުއްދަތަކަށެވެ. މާދަމައިން ފެށިގެން އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހަށް ސަރުކާރުގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ އިދާރާތައް ހުޅުވާނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި 3 ދުވަހު ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީށް އޮފީހުން ބުނީ، އިދާރާތައް ހުޅުވިނަމަވެސް، އެ އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ހިދުމަތް ހޯދުމުގެ ފުރުސަތު ހުޅުވައިނުލުމަށް ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވާނެ ކަމަށެވެ. ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް ކަނޑައާޅާނީ އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާއެވެ.

އަދި އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށާއި، ވީހައި މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށް ވެސް ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިދާރާތައް ހުޅުވަން ޖެއްސެވި ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރެވޭނީ އެއިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. ސަރުކާރުގެ އިދާރާއެއް ހުޅުވިނަމަވެސް، މިހާރެކޭވެސް އެއްފަދައިން، ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި، އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް އޮފީސްތަކަށް ވަނީ އަންގާފައެވެ.

ކޮވިޑް-19ގެ ސަބަބުން ސަރުކާރު ބަންދު ކުރީ މިދިޔަ މާޗް މަހުގެ 19 ވަނަ ދުވަހެވެ.