ކުލި ނުދެއްކިގެން ގެއިން ނުނެރެވޭނެ ކަމަށާއި، މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ދޭން ޖެހޭ ކަމަށް ބުނާ ބިލެއް، "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ ނަމުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އޭޖީ އޮފީހުން ބުނީ މި ބިލް ހުށަހެޅުމުގެ ބޭނުމަކީ، ކޮވިޑް-19ގެ ސަބަބުން މެދުވެރިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ވަކިވަކި ފަރުދުންނާއި، އާއިލާތަކާއި، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށް ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް މިބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

މި ބިލު އެކުލަވާލާފައި ވަނީ، ކޮވިޑް-19ގެ ސަބަބުން މެދުވެރިވެފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އޭޖީ އޮފީހުން ބުނެއެވެ. އަދި ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް، ހާއްސަ ގަނޫނެއް މެދުވެރިކޮށް ވަގުތީ ހައްލުތަކެއް ހޯދައިދިނުމަށް އިސްކަންދީފައިވާ ކަމަށް ވެސް އޭޖީ އޮފީހުން ބުނެއެވެ.

ދިރިއުޅޭ ތަންތަން

މި ބިލުގައި އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރިގެންނުވާނެ ކަމުގައި ކަނޑައަޅައި، ތަން ދޫކޮށް ދިޔުމަށް ދެމަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ލާޒިމުކޮށްފައިވެއެވެ. މިކަން ލާޒިމުކޮށްފައިވަނީ، ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ފަރާތްތައް ތަނުން ނުނެރެވުނަސް، ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީއަނުވާ ގޮތަށެވެ. އަދި ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް މެދުކަނޑާލައިގެންނުވާނެ ކަމަށްވެސް ބިލުގައި ވެއެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތައް

ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ދިރިއުޅޭނެ ތަނެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންވާނެ ކަމަށް މި ބިލުގައި ވެއެވެ. އަދި އެފަދައިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، އެތަންތަނުގައި ފުރިހަމަވާންޖެހޭ އެންމެ އަސާސީ މިންގަނޑުތައްވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. ކޮވިޑް-19ގެ ސަބަބުން ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ފަރާތްތަކަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދޭންވާނެ ކަމަށާއި، އެފަދައިން ކާބޯތަކެތި ފޯރުކޮށްދޭއިރު، އެކަން ކުރަންވާނީ، ރައްކާތެރި އަދި ހަމަހަމަ އުސޫލަކުން ކަމުގައިވެސް ބިލުގައި ވެއެވެ.

ވަޒީފާ

މި ބިލުގައި ވަނީ ކޮވިޑް-19ގެ ސަބަބުން މުވައްޒަފުންނަށް ހާއްސަ ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީއާއި އެނޫންވެސް ހާއްސަ ޗުއްޓީ ދޭންވާނެ ކަމަށް ކަނޑައަޅާފައެވެ. އެގޮތުން، ބިލުގައި ބަޔާންކުރާ ޗުއްޓީ މުވައްޒަފުންނަށް ހަމަޖައްސައި ދިނުމަކީ ވަޒީފާ ދޭ ފަރާތަށް ލާޒިމު ކަމެއް ކަމުގައި ބިލުގައި ވެއެވެ. ކޮވިޑް-19ގެ ސަބަބުން ގިނަ ފަރާތްތަކެއްގެ ވަޒީފާއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާއިރު، މި ބިލުގައި، ވަޒީފާދޭ ފަރާތުން ވަޒީފާ އަދާކުރާ ފަރާތާމެދު ފިޔަވަޅުއެޅުން ހުއްދަވާނެ ހާލަތްތަކާއި، އެ ފިޔަވަޅު އެޅޭނެ ހާލަތްތައް، ބަޔާންކޮށްފައިވެއެވެ.

އެގޮތުން، މުވައްޒަފުންގެ މުސާރައަށް ބަދަލުގެނައުމަށް، ނުވަތަ މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުމަށް ނުވަތަ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމަށް ހުއްދަވާނެ ހާލަތްތަކަކީ، ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމެވެ. އަދި އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި އިނާޔަތްތައް ދެމުންނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ހާލަތުގައި ކަމަށް ބިލުގައިވެއެވެ

މީގެ އިތުރުން، ޓެކުހާ ގުޅޭގޮތުން ލުއިތައް ދެވޭނެ ގޮތާއި އެކަމާގުޅޭ އުސޫލުތައް ވެސް ބިލުގައިވެއެވެ. އަދި ކޯޓުތަކުގައާއި ޓްރައިބިއުނަލްތަކުގައި އޯޑިއޯ ނުވަތަ ވީޑިއޯ ލިންކް މެދުވެރިކޮށް މައްސަލަތައް ކުރިއަށްގެންދެވޭނެ ގޮތް ހަމަޖެއްސުމަށްވެސް މި ބިލުން މަގުފަހިކޮށްދީފައިވާނެއެވެ.