އޮޅުވާލައިގެން މާލެ ގެނެސް 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި، ފުލުހުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ޖެންޑާ މިނިސްޓްރީން ކުރި މަސައްކަތަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ތައުރީފު ކުރައްވައިފިއެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ތައުރީފު ކުރައްވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ، މިދަފަ ކަންކަން ހިނގުން ހުއްޓުވުމަށް އާންމުން ހޭލުންތެރިކުރުމަށްޓަކައި ގިން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އިންޓަނެޓްގެ ޒަރިއްޔާއިން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ބެލެނިވެރިންނާއި ޓީޗަރުން ހޭލުންތެރިވެފައިވާކަން ކަށަވަރު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މަސައްކަތަށް ޖެންޑާ މިނިސްޓަރު ތައުރީފު ކުރައްވާފައިވާއިރު، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ އެ ފަރާތްތަކުން ކުރި މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާތީ، އެ މައްސަލައާ ގުޅިގެން އޮޕަރޭޝަނެއް ހިންގާފައި ވަނީ މިމަހު 28 ވަނަ ދުވަހުގެ ފަތިހު 05:37 ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމާއެކުއެވެ.

މި މައްސަލަ ހުށަހެޅުމާއި އެކު މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ. އަދި މި ކުއްޖާ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރު ކަމަށާއި އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މި މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އުމުރުން 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން މި އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައި ވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއްކައިރިއަށް ކުއްޖާ އެކަނި ކަމަށް ފުލުހުން ބުނެއެވެ. އަދި މި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.